21 Jun 2012, 19:15
އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ދެ ގަވާއިދަކަށް އިސްލާހް ގެނައުމަށް މަޖިލީހަށް ހުށަހަޅަން ޑީއާރުޕީން ނިންމާއިފި އެެވެ
މިއަދު ޑީއާރުޕީ އޮފިހުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އާއިލާއަށް ބޭހޭ ގާނޫނަށް ހުށަހަޅާ އެއް އިސްލާހަކީ އިއްދައިގައި އިންނަ އަންހެން މީހައަށް ހަރަދުގެގޮތުގައި ދޭން ކަޑައަޅައިފައިވާ 500.ރ ގެ ބަދަލުގައި 2000.ރ ދިނުމަށް އިސްލާހެއް ކަމަށެވެ.
އާއިލާގެ ބެހޭ ގާނޫނުގެ 63 ވަނަ މާއްދާގެ (ހ) ބުނެފައިވަނީ ވަރިކޮށްފައި އިންނަ އަންހެނާގެ އިއްދައިގެ ހަރަދަށް މަހަކު 500.ރ ދޭންޖެހޭނެ ކަމަށެވެ.
"އެއީ ތިންމަސް ދުވަހަށް ދޭންޖެހޭ ހަރަދަކަށް ވެފައި އެދުވަސް ވަރަކީ [އަންހެނަކަށް] އެހެން ބޭފުޅަކާއި ކައިވެނި ކުރުމުގެ ފުރުސަތުވެސް އޮންނަ ދުވަސް ކޮޅަކަށް ނުވާތީވެ އެ ދުވަސް ކޮޅަށް އަންހެން މީހާގެ ހަރަދަށް 500 ރުފިޔާއިން 2000 ރުފިޔާއަށް ބަދަލުކުރަން ނިންމީ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ދަރިންގެ ހަރަދާއި މުއްދަތު ކަނޑައަޅާފައިވާ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) އަށް ވެސް އިސްލާހް ގެނައުމަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މާއްދާއަށް ގެނައުމަށް ނިންމާފައިވާ އިސްލާހަކީ ދެމެފިރިން ވަކި ވުމަށްފަހު ކުއްޖާގެ ބައްޕައަށް ހަރަދު ކުރަންޖެހޭނީ 16 އަހަރުވަންދެން ކަމަށް އޮންނަ އޮތުން ބަދަލުކޮށް 18 އަހަރު ވަންދެން ހަރަދު ކުރަންޖެހޭ ގޮތަށް ކަނޑައެޅުން ކަމަށެވެ.
އަދި ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު 1000ރ. އަށް ވުރެ މަދުނުވާނެ ވަރަށް ހަރަދު ކުރަންޖެހޭނެ ކަމަށް އެ މާއްދާގައި ކަނޑައެޅުމަށްވެސް އިސްލާހް ހުށަހަޅުއްވާނެ ކަމަށް އެނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ގެނަން ބޭނުންވާ އިސްލާހުތައް އަންނަ ހޯމަ ދުވަހު ގަވާއިދާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އިއްދަގެ މުއްދަތުގައި ދޭ ފައިސާ އިތުރުކުރަން ހުށަހަޅާ އިސްލާހަށް ތައީދުކޮށް އާންމުގެ ފަރާތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެނާ ވިދާޅުވި އެވެ.
ޑީއާރުޕީން ބުނީ އާއިލާއާ ބެހޭ ގަވާދަށް އިސްލާހް ގެނައުމަށް ނިންމީ އާއިލާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހް ތަކާއި ބެހޭގޮތުން އެކި އެކި ދާއިރާތަކުގެ ބޭފުޅުންނާއި އެކު އެ ޕާޓީން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހުގަ ކަމަށެވެ.
އެ ބައްދަލުވުގައި ޑީއާރުޕީއާއި ގައުމީ ޕާޓީގެ މެންބަރުންގެ އިތުރުން ސަރުކާރުގެ ކަމާއި ބޭހޭ މިނިސްޓްރީ ތަކުންނާއި ގާނޫނީ ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަންވާ ކަމަށް ޑީއާރުޕީން މައުލޫމާތުދެ އެވެ.