ދައުލަތުގެ މީޑިއާ ކަމުގައިވާ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ރީ ބްރޭންޑް ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާ ކަމަށް ޤައުމީ ޕާޓީން ތުހުމަތުކޮށްފި އެވެ.


ޤައުމީ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ދައުލަތުގެ މީޑިއާ ކަމުގައިވާ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުގައި ބޭނުންކުރަމުންއައި ހުރިހާ މުދަލަކާއި ސާމާނަކީ ސަރުކާރުގެ މުދަލާއި ތަކެތިކަމުގައި ހަދައި ރައްޔިތުންގެ މަޖިލީހުން ޤާނޫނަކުން އުފައްދާފައިވާ އެމްބީސީއާއި އެތަކެތި ހަވާލުކުރުމަށް މި ސަރުކާރުން އިންކާރުކުރުމަށް ފަހު އެ ދެ ތަނުގެ ނަން ބަދަލުކޮށްފައި ވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.


ގައުމީ ޕާޓީން ބުނެފައި ވަނީ ހަރުދަނާ ޑިމޮކްރެސީއެއް ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ މިނިވަން މީޑިއާއެއް ގާއިމުކުރުން ކަމާމެދަކު ދެބަސްވާނެ ފަރާތެއް ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް މަސައްކަތްކުރާ ދުވަސްވަރު ކެންޕޭން ވައުދެއްގެ ގޮތުގައި ބޭނުންކުރާ އެއް ސްލޯގަންނަކީ މީޑިއާގެ މިނިވަންކަން ވެސް ގައުމީ ޕާޓީގެ އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.


ހަމައެފަދައިން މިއަދުގެ ސަރުކާރު އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮތްދުވަސްވަރު އެންމެ ގިނައިން އިވެމުން ދިޔައަޑަކީ ވެސް ދައުލަތުގެ މީޑިއާ ނަހަމަ ގޮތުގައި އޭރުގެ ސަރުކާރުން ބޭނުންކުރި ވާހަކަ ކަމަށާއި ނަތީޖާއަކަށްވީ އެމްޑީޕީގެ މެނިފެސްޓޯގައި މިނިވަން މީޑިއާއެއް ގާއިމުރާނެ ވާހަކަ ފަލައަކުރުން ލިޔެވިގެންދިއުން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ދައުލަތުގެ ބޮރޯޑްކާސްޓަރުންނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބޯޑެއްގެ ދަށުން މަސައްކަތްކުރާ ބަޔެއްކަމުގައި ހަމަޖައްސާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައިވާކަން ދޭހަކޮށްދެނީ އެމްޑީޕީއަކީވެސް ވެރިކަމަށް އައުމުގެ ކުރިން މީޑިއާ މިނިވަންކުރަން ބޭނުންވި ބައެއް ކަމަށް ވެސް ގައުމީ ޕާޓީން ބުނެ އެވެ.


ނަމަވެސް މިއަދު ފެނިގެންމިދަނީ އެމްޑީޕީގެ ސަރުކާރުން އެމީހުންގެ އަމިއްލަ މެނިފެސްޓޯގައިވާ ވަޢުދުތައްވެސް ފުއްދަން ދެކޮޅުހަދާކަތަން ކަމަށްވެސް ގައުމީ ޕާޓީގެ އެ ބާޔާނުގައި ބުނެފައިވެ އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ނަންތަކެއް ފާސްވި ހިސާބުން ފެށިގެން މިސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު މިނިވަން މުސްތަގިއްލު ތަނަކަށް ހެދިޔަނުދިނުމަށް ކަމަށާއި މި މަސައްކަތްކޮށްދެއްވަނީ މަޖިލީހުން ފޭލްކޮށްލެއްވި، ސަރުކާރުގެ މަސްލަޙަތު ކުރިއެރުވުމަށް ފާޅުގައި މަސައްކަތްކުރައްވާ އަދި މިހާރުވެސް ކުރަމުން އަންނަ، ދެ ބޭފުޅުން ކަމަށް ވެސް ގައުމީ ޕާޓީގެ އެ ބަޔާނުގައިވެ އެވެ.


ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް އެ ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެމްބީސީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން މެންބަރުން ކަނޑައެޅުއްވި އިރު، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެއާމަން މަޑުލު މުހަންމަދު ވަހީދާއި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ލިބިވަޑައިނުގެންފަ އެވެ.


ދައުލަތުގެ މީޑިއާ ރީބްރޭންޑް ކުރުމާ ބެހޭ ގޮތުން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ޓެލެވިޒަން ވޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ރީބްރޭންޑްކޮށްފައި ވަނީ އެކަމުގައި ސިޔާސީ އެއްވެސް ފިކުރެއް އޮވެގެން ނޫން ކަމަށާއި ރައްޔިތުންނަށް އޮޅުވާލުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެމްއެންބީސީއަކީ ވިޔަފާރި ކުންފުންޏެއް ކަމުން އެތަނުގެ ޕްރޮޑަކްޓްތައް ރީބްރޭންޑްކޮށްފައި ވަނީ ވިޔަފާރި ވިސްނުމެއްގައި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. އަދި ދައުލަތުގެ މީޑިއާ އިން ސިޔާސީ ޕާޓީތަކަށް ކުރިއަށް އޮތް ތަނުގައި ހަމަހަމަ ކަމާއެކު ފުރުސަތު ދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.