27 Jul 2024, 14:16
އަންކަރާ (27 ޖުލައި 2024): އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ޣައްޒާގެ ޖައްލާދުކަން އެނގޭއިރު އެމެރިކާގެ ކޮންގްރެސްއިން އޭނާއަށް މަރުހަބާކިޔައި ކޮންގްރެސްގައި ތަގްރީރު ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަކީ އެމެރިކާއަކީ އިންސާނީ ހައްގުތަކުގެ ނަމުގައި ހަމައެކަނި ސިޔާސީ ޕްރޮޕަގެންޑާ ކުރާ ގައުމެއްކަން ދުނިޔެއަށް ހާމަވެގެން ދިޔަ ކަމެއްކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
މިކަމާބެހޭގޮތުން ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ޣައްޒާގެ ތިރީސް ނުވަހާހަށްވުރެ ގިނަ އާންމުން މަރާލި ބޮޑު ޖައްލާދަކަށް އެމެރިކާގެ ކޮންގްރެސްއިން މަރުހަބާކިޔާތަން ފެނުމަކީ ވަރަށް ލަދުވެތިކަމެއްކަމަށާއި އެއީ އިންސާނީ ހައްގުތަކަށް އެމެރިކާއިން ކުރި ވަރަށް ބޮޑު މަލާމަތެއްކަމުގައެވެ.
"މިވަރުގެ ބޮޑު ގާތިލެއް އަދި ޖައްލާދަކަށް ކޮންގްރެސް އިން ފުރުސަތުދީ ފަލަސްތީނު އާންމުންގެ ލެއިން ތައްތެޅިފައިވާ މި ޖައްލާދުގެ އަތުގައި ހިފައި ސަލާމްކުރުމަކީ ލަދުވެތިކަމެއް،" އުރުދުޣާން ވިދާޅުވިއެވެ.
އަދި "އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ދައްކާ ވާހަކަތައް ދެން އަޑުއަހާނީ ކޮން ހައިސިއްޔަތަކުންތޯ" އުރުދުޣާންވަނީ ސުވާލުކުރައްވާފައެވެ.

ޣައްޒާގެ ޖައްލާދު ކަމާ އަދި މިޒަމާނުގެ ހިޓަލަރުކަމަށް ތުހުމަތު ކުރެވޭ ނަތަންޔާހޫ
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ މިޒަމާނުގެ ހިޓްލަރުކަމަށް ސިފަކުރެވޭ އަނިޔާވެރިއެކެވެ. ނަތަންޔާހޫ އަކީ މިޒަމާނުގެ ހިޓްލަރުކަމަށް ސިފަކުރި ގައުމުތަކުގެ ތެރޭގައި ވެނެޒުއެލާ، ބްރަޒީލް ފަދަ ގައުމުތައް ހިމެނޭއިރު ޕާކިސްތާނުންވަނީ އޭނާއަކީ ނުރައްކާތެރި ޓެރަރިސްޓެއްކަމަށް ސިފަކޮށްފައެވެ. ތުުރުކީންވެސްވަނީ ނަތަންޔާހޫއަކީ ހިޓްލަރު ފަދަ އަނިޔާވެރިއެއްކަމަށް ކުރިން ސިފަކޮށްފައެވެ.
އީރާނުން އަބަދުވެސް ސިފަކުރާ ގޮތުގައި މެދުއިރުމަތިން ނައްތާލަންޖެހޭ ކެންސަރު ޓިއުމަރެކެވެ. އަދި އިސްރާއީލަށް ވަގިވެރިވާ އެމެރިކާއަކީ ޝާއިތާނުންގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޝައިތާނެވެ. ކުޑަ ޝާއިތާނުންކަމަށް އީރާން ސިފަކުރަނީ އިސްރާއީލަށް ވާގިވެރިވާ ޔޫރަޕްގެ އިސްތިއުމާރީ ބާރުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ގައުމުތަކެވެ.
ނަތަންޔަހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރީ މިދިޔަ ބުދަދުވަހުއެވެ. އޭނާ ކޮންގްރެސްއަށް ދިޔައީ އެމެރިކާގެ މައި ދެޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ ދައުވަތަކަށެވެ.
އެމެރިކާއަކީ ޔަހޫދީ ޒަޔަނިސްޓް ލޮބީގެ ބާރާއި ނުފޫޒުގައި ވަރަށްބޮޑަށް ޖެހިފައިވާ ގައުމަކަށް ވެފައި ކޮންގްރެސްގައި ހިމެނޭ މިދެޕާޓީގެ މެންބަރުންގެ ކޭންޕޭން ޚަރަދުތަކުގެ ބޮޑުބަޔަކީ ޔަހޫދީ ޒަޔަނިސްޓް ކުންފުނިތަކުން ކުރާ ޚަރަދުތަކެއްކަމަށްވިޔަސް މިފަހަރު ނަތަންޔަހޫ ކޮންގްރެސްގައި ތަގުރީރުކުރިއިރު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 80 އަށްވުރެ ގިނަ މެންބަރުންވަނީ އޭނާގެ ޚިތާބު ބޮއިކަޓްކޮށްފައެވެ.
އަދި ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސްގެ އެހެން މެންބަރެއްކަމަށްވާ ރަޝީދާ ތަލީބު (ފަލަސްތީނު ދަރިކޮޅުގެ) ވަނީ ނަތަންޔަހޫ އަކީ ހަނގުރާމައިގެ މުޖްރިމެއްކަން ހާމަކޮށްދޭ ލިޔުމެއް އަތްޕުޅަށް ނަންގަވައިގެން އެންމެންނަށް ފެންނަގޮތަށް އެލިޔުން ބަހައްޓަވާފައެވެ. ނަތަންޔަހޫ ތަގްރީރު ކުރަންޖެހުނީ އެލިޔުން ފެންނަ ހިސާބުގައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިން
ނަތަންޔަހޫ ކޮންގްރެސްގައި ހުރި ހުރިހާ އިރަކުވެސް އެލިޔުން ހުރީ ފެންނަ ގޮތަށެވެ. މިއީ އެމެރިކާގެ ކޮންގްރެސްގައި މީގެކުރިން ތަގްރީރުކުރެއްވި އެއްވެސް ގައުމެއްގެ ވެރިއަކާ ކުރިމަތި ނުވާވަރުގެ ލަދުވެތި ކަމެކެވެ.
އަނެއްކޮޅުން ނަތަންޔާހޫ ކޮންގްރެސްގައި ތަގްރީރުކުރިއިރު ޔަހޫދީންވެސް ހިމެނޭގޮތަށް އެމެރިކާގެ ރައްޔިތުންގެ އެތައް ހާސްބަޔަކު ދިޔައީ ކޮންގްރެސްގެ ކުރިމަތީގައި އޭނާއަކީ ފަލަސްތީނު އާންމުންގެ ލެއިން ފެންވަރައިގެން ހުރި ޣައްޒާގެ ޖައްލާދުކަން ހާމަކުރާ ލިޔުންތަކާއި ޕޯސްޓަރުތައް ހިފައިގެން އޭނާގެ ޖައްބާރުކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.
އެމުޒާހަރާތައް ރޫޅާލުމަށް އެމެރިކާގެ ފުލުހުން މަސައްކަތްކުރި ނަމަވެސް މުޒާހަރާތައް ރޫޅާލެވިފައެއް ނުވެއެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާ އިދިކޮޅު ސުލްހައަށް މަސައްކަތްކުރާ އެމެރިކާގެ ޔަހޫދީންގެ ބަޔަކުވަނީ އޭގެ ތަންކޮޅެއް ކުރިން ކޮންގްރެސްގެ އެތެރެއަށް ވަދެގަނެ ނަތަންޔާހޫއަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެމެރިކާގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން ޔަހޫދީންގެ އެގުރޫޕް ކޮންގްރެސްގެ އިމާރާތުން ބޭރުކޮށްލާފައެވެ.
ނަތަންޔާހޫ ކޮންގްރެސްގައި ދިން ތަގްރީރަށް އެމެރިކާގެ ކޮންގްރެސްގެ ގިނަ މެންބަރުން އަތްޖަހައި އުފާކުރަމުން ގެންދިޔައިރު ނަތަންޔާހޫ ވަނީ އޭނާގެ އަމުރަށް އިސްރާއީލު ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ދިފާއުކޮށް ވާހަކަ ދައްކާފައެވެ.
ނުބައި ފަޅިއަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާއަތްތައްކަމާއި ރަނގަޅު ފަޅިއަކީ ފަލަސްތީނަށް ވެރިވެގަނެގެންއުޅޭ އަދި ފަލަސްތީނު ރައްޔިތުން މަރަމުން ގެންދާ އިސްރާއީލުކަމަށް ބުނެ ނަތަންޔާހޫ ވަނީ ބޮޑެތި ދޮގުތަކެއް ހަދާފައެވެ.
ޣައްޒާގައި ހިނގަމުންދަނީ ހައްގާއި ބާތިލްކަމުގެ ހަނގުރާމައެއްކަމަށާއި ހައްގަކީ އިސްރާއީލު ކަމަށާއި ބާތިލަކީ ފަލަސްތީނުކަމަށް ބުނެ ނަތަންޔާހޫ ހެދި ދޮގުތަކަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރުންވަނީ ހޫނު ތަރުހީބެއްދީ އަތްތިލަ ބަޑިތައްޖަހާފައެވެ.
ނަމަވެސް ނަތަންޔަހޫއަކީ ހަނގުރާމައިގެ މުޖްރިމެއް ކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ތުހުމަތުކޮށްފައިވާ މީހެކެވެ. އޭނާ ހިފައި ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ވަނީ އެކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ.