21 Jun 2012, 17:30
ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ތަހުގީގަށް ބުރޫއަރާފާނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ކޮމަންވެލްތުން ގޮވާލައިފި އެވެ.
ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގު) އިން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހު އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނީ ކޮމިޝަން އެކުލަވާލުމަށް ސަރުކާރުންނާއި އަދި ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާ ކުރާ ކަމަށާއި ކޮމިޝަންގެ މަސައްކަތް ފެށިފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ކޮމިޝަނުން މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ބުންޏެވެ.
"ހުރިހާ ފަރާތްތަކަކުން ވެސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށް މި ޖަމްއިއްޔާ އިން ގޮވާލަމެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކޮށްގެންނުވާނެ އެވެ،" ބަޔާނުގައިވެ އެވެ.
އިންކުއަރީ ކޮމިޝަން ފަސް މެންބަރުންނަށް ފުޅާ ކުރީ ކޮމަންވެލްތުގެ ލަފާގެ މަތިންނެވެ. އެ ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މަންދޫބަކު އިންނަވާއިރު ސިންގަޕޫރުގެ ރިޓަޔާޑް ފަޑިޔާރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޮމަންވެލްތުން ބުނީ ރާއްޖޭގައި ހިނގަމުންދާ ޕާޓީތަކުގެ މަޝްވަރާތަކަށް ތަރުހީބުދީ ބާރުއަޅާ ކަމަށާއި ސިޔާސީ ޕާޓީތަކުން ވާހަކަދައްކައިގެން ކަންކަން ހައްލުކުރުން މުހިންމު ކަމަށެވެ. އަދި ބުނީ ރާއްޖޭގެ ހާލަތު ކޮމަންވެލްތުން ކައިރިން ބަލަމުން އަންނާނެ ކަމަށެވެ.
"ރާއްޖޭގައި ސުލްހަ މަސަލަސްކަމާއި އަމާން މާހައުލެއް އޮތުމަކީ މި ޖަމްއިއްޔާ އިން ބާރު އަޅައި ކަމެކެވެ. އެކަމަށްޓަކައި މި ކަމުގައި ހިމެނޭ އެންމެންވެސް ރަނގަޅު ނިޔަތުގައި މަސައްކަތް ކުރަންޖެހެ އެވެ،" ބަޔާނުގައިވެ އެވެ. "މި ޖަމްއިއްޔާ އިން ރާއްޖެ އަށް އަބަދުވެސް އެހީތެރިކަން ދީ ރާއްޖޭގެ މަޝްރަހު ބަލަމުންގެންދާނެ އެވެ،"
ސެޕްޓެމްބަރު މަހު އޮންނަ ސީމެގްގެ ބައްދަލުވުމުގައި ރާއްޖޭގެ މަޝްރަހު ރިވިއުކުރުމުގެ މަސައްކަތް ކުރުމަށް އެ ޖަމްއިއްޔާއިން ވަނީ ނިންމައިފަ އެވެ.