27 Jul 2024, 10:33
އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރަން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލައި، މަދަނީންނާއެކު ދަތުރުތައް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޑޯނިޔާ އޮޕަރޭޓު ކުރުމަށް ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފަނުވާލުމުގެ ވައުދުފުޅާ އެކުގައެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މި ސަރުކާރުން ޑޯނިޔާގެ ބޭނުން ކޮށްފައެއް ނުވެއެވެ.
ރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަދަނީ މީހުންނާއެކު އިއްޔެ ފުރަތަމަ ފްލައިޓުގައި ބަލި މީހަކު އުފުލީ ހދ. ހަނިމާދޫން މާލެއަށް ކަމަށެވެ.
"މިލިޓަރީގެ ބަދަލުގައި މަދަނީ މީހުން އޮޕްރޭޓު ކުރަންފެށިފަހުން ފްލައިޓު ބަލި މީހަކު ގޮވައިގެން މާލެއަށް އެއައީ އިންޑިއާގެ ޕްލެޓްފޯމުގައި. އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ޑޯނިއާ ފްލައިޓު އޮޕަރޭޓު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން، އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.
ރާއްޖެއިން މިހާރުވަނީ އިންޑިއާ އަސްކަރީ ސިފައިން އެކީ ފައިބައިފައެވެ. އަނބުރާ ފޮނުވާލި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި، އެ ގައުމުގެ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމަށް ގެނައި މަދަނީން ރާއްޖެއިން ފައިބާން އެއްބަސްވެފައި ވަނީ 2026ގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ ކުރިން ފޮރިންމިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެ ގެނައި މަދަނީ މީހުންނަކީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްގެ މީހުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ރިޔާސީ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.