27 Jul 2024, 01:01
ރާއްޖެއިން އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ފަސްކޮށް، ޗައިނާ ސަރުކާރަށް ދައްކަން އޮތް ލޯނުތައް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދަރަނި ދެއްކުމަށް އެންމެ ބޮޑަށް އެހީ ދީފައި ވަނީ ޗައިނާއިންނާއި އިންޑިއާއިން ކަމަށާާއި އެ ދެ ގައުމުގެ ސަރުކާރުން މި ގައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދެމުން އަންނަ ކަމަށެވެ.
އެހެންވެ އެކަމަށްޓަކައި، އެ ދެ ގައުމަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން، އިންޑިއާ ސަރުކާރަށް ރާއްޖެއިން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ފަސްކޮށްދީފައިވާ ކަށާއި ލައިން އޮފް ކެރެޑިޓްގައި ބާކި ހުރި ފައިސާ ވެސް ބޭނުން ކުރެވޭނެ ގޮތް އެ ގައުމުން ހަމަޖައްސާދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިންޑިއާއިން ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސާދީފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ އެކި މަޝްރޫއުތަކަށް މީގެކުރިން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ނުދައްކާ ގޮތަށް ނިންމުމަށް އެ ގައުމުން ފެހި ސިގުނަލް ދީފައި ވާކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށް ދަނީ އެކަމުގެ ފަންނީ މަސައްކަތްތައް ކަމަށެވެ.
"ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ނުދައްކައި، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކަށް، ލޯނުތަކުގެ އިންޓްރެސްޓް ނުދައްކައި ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައި" އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ރާއްޖެއިން ޔޫއޭއީން ނަގާފައިވާ ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދީފައިވާ ކަން އެމަނިފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ގައުމުގެ އިގްތިޞާދީ ސިޔާދަތު ޔަގީން ކުރުމަށްޓަކައި ޚާރިޖީ ސިޔާދަތު ބައްޓަން ކުރަންވީ ގޮތަކީ މިއީ ކަމަށެވެ.
ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.
މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.
ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ބައެއް ހަރަކާތްތައް ނުބޭއްވުމަށް މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.