21 Jun 2012, 17:16
މާލެ އަށް ދިމާވެފައިވާ ކަރަންޓް ޝޯޓޭޖްގެ މައްސަލަ ހައްލުކުރުމަށް ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ބޭނުން ކުރަން ފަށާފައިވާތީ ކުރިން ކަރަންޓް ކެނޑެމުން ދިޔަ ގޮތަށް ދެން މާލެ އިން ކަރަންޓް ނުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނީގެ މީޑިއާ ކޯޑިނޭޓާ އިބްރާހިމް ރައޫފު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އަލަށް ބެހެއްޓި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު މިހާރު ވެސް އަންނަނީ ޓެސްޓް ކުރުމަށް ޖައްސަމުން ކަމަށާއި އޭގެ ސަބަބުން މާލެ އިން ކަރަންޓް ނުކެނޑި ހިފަހައްޓާލެވޭނެ ކަމަށެވެ.
"އަދި ޓެސްޓް ކުރުމުގެ ޕްރޮސެސްގައި މިދަނީ. އެ ޖަނަރޭޓަރު ވެސް، މިހާރުދާ ގޮތަށް ޓެސްޓް ޕްރޮސެސް މައްސަލައެއް ނުޖެހި ދަންޏާ މާލެ އިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމަލެއް ނުވާނެ،" ރައޫފް ވިދާޅުވި އެވެ. "މިހާރު ދެން އިރާދަކުރެއްވިއްޔާ ހިފަހައްޓާ ލެވޭނެ ކަރަންޓް ނުކެނޑި،"
އެ ޕްރޮޖެކްޓްގެ ދަށުން 8.9 މެގަވޯޓްގެ ދެ ޖަނަރޭޓަރު ބެހެއްޓި ނަމަވެސް އޭގެ ތެރެއިން އެއް ޖަނަރޭޓަރުގެ ދުންހޮޅީގައި މައްސަލައެއް އުޅޭތީ އެ ޖަނަރޭޓަރު ޓެސްޓްކުރަން ނުފަށާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަހަރު ފެށުނީއްސުރެ ވެސް ދުވާލަކު ގަޑިއެއްްހާ އިރު ކަހަލަ ގޮތަލަށް މާލެ އިން އައީ ކަރަންޓް ކެނޑެމުންނެވެ. ސްޓެލްކޯ އިން ބުނީ މާލެ އަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދޭ ކަމަށެވެ.
ރައޫފް ވިދާޅުވީ އެމެޖެންސީގައި ބޭނުން ކުރުމަށް އައު ދެ އިންޖީނެއް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެ މެގަވޯޓް އެ ޖަނަރޭޓަރުތަކުން އުފެއްދޭނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ޖަނަރޭޓަރުތައް މާލެ އަންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ފޯތު ޕަވާޕްރޮޖެކްޓްގް މަޝްރޫއު ޑެންމާކުގެ ކުންފުންޏަކާ އެކު އުފައްދާފައިވާ ކުންފުންޏަކުން ފެށީ 2009 ވަނަ އަހަރު އެވެ. އޭރު ސްޓެލްކޯ އިން ބުނެފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ވަނީ ނުނިމި ލަސްވެފަ އެވެ.