06 Aug 2024, 23:58
އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ޕްލަސް މެމްބަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ އައު އަޕްޑޭޓެއް އަންނަ ހަފުތާ ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޯޕަން އޭއައި ގެ ސީއީއޯ ސެމް އޯލްޓްމަން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޗެޓްޖީޕީޓީގެ އަޑުގެ މޯޑު އަޕްޑޭޓުގެ އަލްފާ ވާރޝަން އަންނަ ހަފުތާގެ ތެރޭގައި ޕްލަސް މެމްބަރުންނަށް ލިބޭނެއެވެ.
މި އަޕްޑޭޓާއެކު ތިން އައު ފީޗަރެއް ތަޢާރަފުކުރެވޭނެ ކަމަށް ޓޮމްސް ގައިޑުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ޗެޓްޖީޕީޓީއާއެކު ޙަޤީޤީ ދުވެލީގައި އަޑުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ޖަވާބު ދިނުމުގެ ވަގުތު ކުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އަޕްޑޭޓް ފުރަތަމަ ތަޢާރަފުކުރަން ހަމަޖެހިފައިވަނީ ޖޫން މަހުގައި ނަމަވެސް އެއް މަސް ދުވަހަށް ލަސްވެފައިވެއެވެ. މި އަޕްޑޭޓް ހުރިހާ ޕްލަސް މެމްބަރުންނަށް އެއްފަހަރާ ލިބޭނެތޯ ނުވަތަ މަޑުމަޑުން ތަޢާރަފުކުރާނެތޯ އަދި ސާފެއް ނޫނެވެ.
މިދިޔަ ހަފުތާގައި ޗެޓްޖީޕީޓީއިން ވަނީ ސާރޗް ޖީޕީޓީ ސާރޗް އިންޖީނު ތަޢާރަފުކުރާނެކަން އިޢުލާނުކޮށްފައެވެ.
އަޑުން ވާހަކަދެއްކުމުގެ ފުރުޞަތާއި ޓެކްސްޓް ސާރޗްގެ ޚިދުމަތާއެކު 2024 ވަނަ އަހަރު ޗެޓްޖީޕީޓީ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.