27 Jul 2024, 00:01
މި ސަރުކާރުން ބަދަލުގެ ގޮތުގައި އެއްވެސް ބަޔަކަށް ފައިސާ ދީފައި ނޯންނާނެ ކަމަށާއި ބަދަލު ދިނުމަކީ ސިޔާސީ މަގުސަދެއްގައި ކުރި ކަމެއް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިރޭ ބޭއްވި މިނިވަންކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިން ކަމަށެވެ.
"މި ސަރުކާރު އައި ފަހުން މިއަދާ ހަމައަށް މިވީ އަށް މަސްތެރޭގައި އެންމެ ރުފިޔާއެއް ވެސް ބަދަލުގެ ގޮތުގައި ނުދެން،" ރައީސް ވިދާޅުވިއެވެ.
އެގޮތުން، ވޭތުވެދިޔަ އަށްމަސްތެރޭ ބަދަލުގެ ގޮތުގައި ދީފައި ވާނީ މިދިޔަ ސަރުކާރުން ކޯޓަށް ގޮސް، މި ސަރުކާރު އައި ފަހުން ނިމުނު މައްސަލަތަކުގެ ބަދަލުކަމަށް ރައީސް ވިދާޅުވިއެވެ.
އެފަދައިން، 119.7 މިލިއަން ރުފިޔާ ދޫކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބަދަލުގެ ގޮތުގައި ސިޔާސީ މަގުސަދުތަކުގައި ފައިސާ ދޫކުރުމަށް ވުރެ، މިނިވަންކަން ހިމާޔަތް ކުރުމަށް އިގުތިޞާދީ ސިޔާދަތު ޔަގީން ކުރުން އެމަނިކުފާނަށް މުހިންމު ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު ސަރުކާރާ ހަވާލުވީއިރު ސޮވަރިން ޑިވެލޮޕްމަންޓުގެ ފަންޑަށް ޖަމާކޮށްފައި ހުރީ 2 މިލިއަން ޑޮލަރު ކަމަށެވެ.
ނަމަވެސް، ފައިސާ ޗާޕު ނުކޮށް އަށް މަސްތެރޭ 65 މިލިއަން ޑޮލަރު ޖަމާކޮސްފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ބޭރުގެ ދަރަނި ދެއްކުމަށްޓަކާ ސަލާމަތްކުރާ ފައިސާ،" ރައީސް ވިދާޅުވިއެވެ.