21 Jun 2012, 16:47
ރާއްޖޭގެ އާބާދީގެ 60 ޕަސެންޓް މީހުން އާސަންދައިން ބޭސްފަރުވާކޮށް، 411 މިލިއަން ރުފިޔާ ކަރަދުކޮށްފައިވާ އިރު، 86 މީހެއްގެ 100000ރ.ގެ އާސަންދައިގެން ކްރެޑިޓް ލިމިޓް ހަމަވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަމްޝީދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އާސަންދައަށް ކަނޑައަޅާފައިވާ 720 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 57 ޕަސެންޓް ހަރަދުކޮށްފައިވާ އިރު، 100000ރ.ގެ ކްރެޑިޓް ލިމިޓްގެ 70 ޕަސެންޓް ހަމަވެފައިވާ 319 މީހަކު އެބަތިބި ކަމަށެވެ. އަދި ކްރެޑިޓް ލިނިޓްގެ 50 ޕަސެންޓް 502 މީހެއްގެ ހަމަވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބޮޑު ބަލިމަޑުކަމެއް ނެތި އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އާސަންދައިން އެވަރަށް ބޭސްފަރުވާ ކުރާ ނަމަ، ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި އާސަންދަ ނިޒާމުގެ މަގުސަދު ހާސިލްވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އަށްޑިހަ ހަ ކްރިޑިޓް ލިމިޓް ހަމަވުމުން އެ މީހުން ބޭސް ކުރަން ޖެހޭނީ އަޅުގަނޑުމެން އިހުޒަމާނުގައި ބުނާހެން ބޭސް ސިޓީ އަށް ސަލާންޖަހައިގެން. އެހެން ގޮތެއް ނެތް. އެއޮތީ ހުސްވެފައި... މި ހިސާބުތަކަށް ބަލާ އިރު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމެއްގެ މަގުސަދު ހާސިލްވޭތޯ އެބަ،" އާސަންދަ މީހާރުން ހިންގަމުންދާ ގޮތުން ދައުލަތަށް ބަޖެޓަށް ގެލުންތަކެއް ވާނެ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
ބޭސް ފަރުވާގެ ކުދިކުދި ހަރަދުތަކަށް ވެސް އާސަންދައިން ހަރަދު ކުރުމުގެ ބަދަލުގައި އާސަންދައިން ހަރަދުކުރަން ޖެހޭނީ އަމިއްލައަށް ނުކުރެވޭ ވަރުގެ ބޮޑު ހަރަދުތައް ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އޭރުން ބޮޑުކަމެއް ޖެހޭ ދުވަހަކު އެއް ލައްކަ ރުފިޔާގެ ކްރެޑިޓް ލިމިޓް ހުސްވެގެން އުޅެން ނުޖެހޭނެ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަންދައިގެ ދަށުން މިހާރު ހިދުމަތް ދެމުންދާ ބައެއް ތަންތަނުގެ އަގުތައް މާ ބޮޑު ކަމަށާއި އާސަންދައަށް ބަދަލު ގެނެސްގެން އެ އަގުތައް ކުޑަކޮށް، އެއްބަސްވާ އަގުތަކާ އެކު ހިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާ ހަވާލު ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލްތަކުން އެއްވެސް ފީއަކާއި ނުލައި ހިދުމަތްތައް ލިބޭއިރު، އާސަންދަ ކުންފުނިން އެއްބަސްވެފައިވާ އަގުތަކެއްގައި ޕްރައިވެޓް ހޮސްޕޮޓަލްތަކުން ވެސް އާސަންދައިގެ ހިދުމަތް ދޭނެ ކަމަށެވެ.
އާސަންދައަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުސްވާނެ ކަމަށް މާލިއްޔަތު ކޮމެޓީން ލަފާ ކުރައްވާ މައްސަލާގައި ވިދާޅުވީ އާސަންދަ ނިޒާމު ހުއްޓުމަކަށް ނާންނާނެ ކަމަށެވެ. އަދި އާސަންދައަށް ބަދަލުތަކެއް ނެގެނެސްގެން މެނޭޖު ކުރެވޭ ނިޒާމަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.