26 Jul 2024, 13:31
ގަވާއިދާ ހިފާލަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަންސްއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވެސް އިތުރު 16 ބިދޭސީން އަތުލައިގެންފިއެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
ފުލުހުން މިއަދު ބުނީ، އެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި، އެ ހަތަރު ތަނުން 16 ބިދޭސީން އިމިގްރޭޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ގޮތަށް އަތުލައިގަންނަ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވެސް 2،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. އޭގެ ފަހުން ވެސް ގިނަ އަދަދެއްގެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަނީ އަތުލައިގެންފައެވެ.
ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް އެ ގޮތަށް އަތުލައިގެންފައި އެބަތިއްބެވެ.
ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.
ހޯމް މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރަން ވެސް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހަޅަން 'އިމިގްރޭޝަން ވޮޗު'ގެ ނަމުގައި ޕޯޓަލެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ވަގުތުން، އަދި ކާކުކަން ނޭނގޭ ގޮތަށް ވެސް ބިދޭސީންނާ ގުޅުންހުރި މައްސަލަތައް އިމިގްރޭޝަނަށް ރިޕޯޓުކުރެވޭނެއެވެ.