25 Jul 2024, 23:50
ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސެންޓްރަލް ޕާކް އޮންނަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް، ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ހުޅުމާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދު ސައްފާން ވިދާޅުވީ، ފުލުހުންނާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބަދަލު ގެންނަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން، ހުޅުމާލޭގެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަަކަށް ބަދަލުކުރުމުން ހަތް ސަރަހައްދެއްގެ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ހުޅުމާލޭގެ މަގުތަކަށް ބަދަލު ނުގެނެސްފިނަމަ ކުރިއަށް އޮތް ތަނުގައި މަގުމަތީގެ އިތުރު ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ބަދަލު ގެންނަން ނިންމާފައިވާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަކީ:
ހުޅުމާލެ ސަހަރާ ކައިރި ހަތަރު އަންގޮޅި ކަންމަތި
- އެސްޓާސް ކައިރީ ހަތަރު އަންގޮޅި ކަންމަތި
- އެމްއެންޑީއެފް ޕުލްކޯ، ހިޔާ ސަރަހައްދުގައި ހުންނަ ޖަންކްޝަން
- ފޭސް އެކެއްގެ ރުއްގަނޑު ސަރަހައްދުގައި އިންނަ ވަށްބުރު
- ރެޑްބުލް ޕާކު ސަރަހައްދު
- ފޭސް ދެއެއްގެ ރީތިގަސް މަގު އަދި ނިރޮޅު މަގު
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަދި ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ހެޑް ހުސައިން ވިޝާމް ވިދާޅުވީ މި މަހު ފެށި ފުލުހުންގެ ސްޓެރެޖިކް ޕްލޭންގެ ދަށުން ހުޅުމާލޭގެ ޓްރެފިކް ފުލޯއަށް ބަދަލުގެނައުމަކީ ވަރަށް ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.
ހުޅުމާލޭގައި މިހާރު މަގުތައް ފަރުމާކޮށްފައި ހުރިގޮތުން މަގުތައް ބޭނުން ކުރާ މީހުން، ވަރަށް ވިސްނުންތެރިކަމާއެކު މަގުތައް ބޭނުން ނުކޮށްފިނަމަ، މަގުތަކުގައި ހުރި ބައެއް އިންޖީނިއަރިންގް މައްސަލަތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓު ހިނގުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ ހުޅުމާލޭ މަގުތަކުގައި ހުރި އިންޖީނިއަރިން މައްސަލަތައް ދެނަގަނެ، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ފުލުހުންނާއި އެޗްޑީސީ އަދި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރާކަމަށެވެ.
މީގެ އިތުރުން، ވިޝާމް ވިދާޅުވީ ހުޅުމާލޭގައި އެންމެ ބޮޑަށް ދިމާވާ ޓްރެފިކް މައްސަލައަކީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތައް ކަމަށެވެ.
އޭނާ ވިދާޅުވީ އާންމުކޮށް ހުޅުމާލޭގެ ދެ ފޭސްގައި އެކަނިވެސް ދުވާލަކު 10 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރާކަމަށެވެ.
އެޗްޑީސީން ދަނީ ސެންޓްރަލް ޕާކު އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށް، ސައިން ބޯޑުތައް ހަރުކޮށް، ބައެއް ސަރަހައްދުތަކުގައި ވަށްބުރު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެކުންފުނިން ބުނީ އަންނަ ހޮނިހިރު ދުވަހު މި ބަދަލުތައް ގެނެސް، އާންމު ޓްރެފިކަށް ހުޅުވާލުމުގެ މަސައްކަތް އެކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށެވެ.