25 Jul 2024, 23:14
ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އައުމަށް ހައްލެއް ގެނައުމަށް މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމަށް ހުށަހެޅި ގަރާރަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުއެވެ.
މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށް ފަހު މިހާރު މި ގަރާރުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައެވެ.
މިރޭ މަޖިލީހުން ނެރުނުއިއުލާނެއްގައިވަނީ އެ ގަރާރަށް އާންމުންގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 14:00ގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން، ހުށަހެޅުމަށެވެ.
މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމުގެ ގަރާރަށް ބަހުސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކުން މަޖިލިސް މެންބަރަކަށް ތިބޭ 5،000 ރައްޔިތުން، 10،000އަށް ބަދަލުކުރަން ހުށަހަޅާފައެވެ. އޭރުން މަޖިލީހުގައި ގޮނޑީގެ އަދަދު 71 ގައި ހިފެހެއްޓި، ކުރިއަށް އޮތް 25 އަހަރު ތެރޭގައި އެ އަދަދު 70 ގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ ބަހުސްގައި ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ ނާޒިމްގެ ވާހަކައަށް ތާއީދުކުރައްވާ، ޝުޖާއު ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ގަރާރެއްކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ.
ޕީއެންސީން ހުށަހެޅި މި ގަރާރަށް ތާއީދު ކުރައްވާކަމަށް މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.
އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 17 ވަނަ މަޖިލީހަށް އިންތިޚާބުކުރީ 77 މެންބަރުންނެވެ. ނަމަވެސް، 18 ވަނަ މަޖިލީހުގައި އެ އަދަދު 85އަށް އިތުރުވިއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބިއިރު މި ހިނގާ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވެ.