މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސްޓްޕާކް ކުރިމަތީގައި ވަޅިހަރައި މ. ފެއަރީ ކޯނާ އަލީ ޝިފާން، 33 މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ ޝިފާންގެ މަރާ ގުޅިގެން ދައުވާކުރަން ފޮނުވާފައި ވަނީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފް، 19 އާއި މާލޭ ދަފްތަރު،2193 މުހައްމަދު ޝައިފަން، 18 އާއި މ. ނަލަހިޔާމަންޒިލް، އަލީ ނަބީހް، 22 އާއި ބ. ތުޅާދޫ، ކާނިމާގޭ، ރައްޒާން އަބްދުއްރަހުމާން، 19 އާއި މ. ދިންމަނަ، އަބްދުﷲ ތިލްމީޒު، 20ގެ އިތުރުން މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލްހާދީ، 20ގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަ މީހުންގެ ތެރެއިން މިޝާން އަބްދުލްހާދީ ފިޔަވައި އެހެން އެންމެން ވެސް ތިބީ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝިފާނަށް ވަޅިން ދިން ހަމަލާއަށް ފަހު އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.