25 Jul 2024, 16:26
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެޑިކަލް ސާވިސަސްއިން، ވަގުތުން ނަތީޖާ ލިބޭ އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓްތަކެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި ހަފުލާގައި އާ އިކުއިޕްމެންޓްތައް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާއެވެ.
އަލަށް ތައާރަފުކުރި އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ ކަމަށާއި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން މުޅިން އަލަށް ތައާރަފުކުރި އިކުއިޕްމެންޓްތައް--- ފޮޓޯ/ އެސްޓީއޯ
އަލަށް ތައާރަފުކުރި އިކުއިޕްޓްތަކުން ހަދާ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބަލައިގަންނަ މިންގަނޑުގެ ޓެސްޓުތަކެއްކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލް އަދި ކްލިނިކްތަކުން ހާޒިރުވި މި ހަފުލާގައި އެސްޓީއޯއިން އަލަށް ތައާރަފުކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެސްޓީއޯ މެޑިކަލް ސާވިސްއިން ރާއްޖެއަށް އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ
އެސްޓީއޯއިން މުޅިން އަލަށް ތައާރަފުކުރި "އެމް 10" މެށިނުން ޑެންގޫ ޓެސްޓާއި ޓީބީ ޓެސްޓާއި ފުއްޕާމޭގެ ބަލިތަކާއި އެސްޓީއައި އަދި އެޗްޕީވީ ބައްޔަށް ވެސް ޓެސްޓުކުރެވޭނެއެވެ.
އަދި، އެފް-200 އަދި އެފް-2400 މެޝިނުން ހެދޭ ބައެއް ޓެސްޓްތަކުގެ ތެރޭގައި ތައިރޮއިޑާއި ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތަކާއި ގޮހޮރުގެ ބަލިތަކާއި ވިޓަމިން ޑީ އަދި ބީޓާ އެޗްޗީޖީގެ ޓެސްޓު ހިމެނެއެވެ.
އެސްޑީ ބަޔޯސެންސަރަކީ ސައުތު ކޮރެއާއަށް ނިސްބަތްވާ ކުންފުންޏެކެވެ.
މި ކުންފުންޏަކީ ޑައިގްނޯސްޓިކް ވަސީލަތްތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މި ގޮތުން، މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުންކުރާ ކޮލިޓީ ރަނގަޅު އިތުބާރު ހިފޭ މޮޅު އުފެއްދުންތަކެކެވެ.