25 Jul 2024, 14:34
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ކުލަބް ކައިރީގައި އެއްލައިލައިފައި އޮތް ދަބަހެއްގެ ތެރެއިން 27 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ބީޗު ކުލަބު ކައިރިން ދެމީހަކު ދަބަހެއް އެއްލައިފައި ދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ ދަބަސް ފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި މިއަދު ހެނދުނު ހައްޔަރު ކޮށްފައި ވަނީ 29 އަހަރާއި 38 އަހަރުގެ ދިވެހި ފިރިހެނުންތަކެކެވެ.
މި މައްސަލަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފުތާގައި ވެސް ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެއްކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހުން ހައްޔަރުކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަސްތުވާތަކެތީގެ ވަބާގައި އެންމެ ގިނައިން ޖެހެނީ 16 އަހަރާއި 30 އަހަރާ ދެމެދުގެ އުމުފުރައިގެ ކުދިންނާއި މީހުން ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން މީގެ ކުރިން ބުނެފައިވެއެވެ. އެހެން ނަމަވެސް 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ފަރުވާދިނުން ރާއްޖޭގައި އަދި ފަށާފައި ނުވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.