25 Jul 2024, 14:16
ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހި ބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށް ޚާއްސަކޮށް ދިވެހި ބަހުގެ އެކެޑަމީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
އެކެޑަމީގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގަތީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

ޕާކިސްތާނު ސަރުކާރުން 10،000 ޑޮލަރު ދިވެހި ބަހުގެ އެކެޑަމީއަށް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު
އެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ، އެ ފައިސާއަކީ ދިވެހި ބަހުގެ އެކެޑަމީގެ އަމާޒުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި އެހީއެއް ކަމަށެވެ. އެގޮތުން، އެކެޑަމީގެ ޚިދުމަތްތައް ފުޅާކުރުމަށް މާލީ ތަނަވަސްކަން މުހިންމު ކަމަށާއި ނަމަވެސް، މި ވަގުތަކީ މާލީ ގޮތުން އެހާ ފަހި ވަގުތެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ވަގުތަކީ އަޅުގަނޑުމެންގެ އުޚުވަތްތެރި ޕާކިސްތާނާއި މި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ވަގުތެއް. އެކުވެރިކަން ހާމަކޮށްދޭ ވަގުތެއް.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

ޕާކިސްތާނު ސަރުކާރުން 10،000 ޑޮލަރު ދިވެހި ބަހުގެ އެކެޑަމީއަށް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު
ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމާއި ވިލުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންވެ، ވަޒީރު ވަނީ ރައީސް މުއިއްޒަށް އެކަމަށް ޝުކުރުއަދާ ކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމާއި އެކެޑަމީގެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.