އިމިގްރޭޝަންގެ ފޮރެންސިކް ޑޮކިއުމެންޓް ލެބޯޓަރީއެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތައާރަފުކުރި ފަހުން މިހާތަނަށް ސައްހަ ނޫން 116 ޑޮކިއުމަންޓް ހިފަހައްޓާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި 2010 ވަނައަހަރު ގާއިމުކުރި ފޮރެންސިކް ޑޮކިއުމެންޓް ލެބްގެ ބޭނުން ކުރަން ފެށިފަހުން އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ސައްހަ ނޫން ޑޮކިއުމެންޓްތައް އަތުލައިގަނެފައިވާ ކަމަށާއި އެ ލެބް އިތުރަށް ތަރައްގީކުރުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އިތުރު ސާމާނު މިއަދު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ފޮރެންސިކް ޑޮކިއުމެންޓް ލެބްގެ ބޭނުމަކީ އެއާޕޯޓުގެ ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ހަރުދަނާ ކޮށް ސައްހަ ނޫން ޕާސްޕޯޓާއި ވިޒާ ފަސޭހައިން ދެނެގަތުން ކަމަށާއި ޕާސްޕޯޓުގެ ގައި ހިމެނޭ ޗިޕްގެ މައުލޫމާތު ތައް އަޅާކިއުމުގެ ގާބިލިއްޔަތުކަމާއި ޑޮކިއުމެންޓް އިލްކްޓްރޯނިކް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރުމުގެ ގާބިލްކަން ވެސް ސިސްޓަމަށް ލިބިފައިވާ ކަމަށެވެ.