ހެލްތު މިނިސްޓްރީގެ ހިސާބުތައް ބެލެހެއްޓިފައި ނުވުމުން މިނިސްޓްރީގެ ބިލްތަކަށް އަރާފައިވާ ދަރަނީގެ އަދަދު ސާފު ނުވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީ ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެލާނާގޭ ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމްޝީދު ވިދާޅުވީ އޭނާ ހެލްތު މިނިސްޓްރީ އާއި ހަވާލުވެވަޑައިގެންނެވިއިރު މިނިސްޓްރީއާ މުއާމަލާތް ކުރަން ބައެއް ވުޒާރާތަކުން ޖެހިލުންވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިނިސްޓްރީން ނަގާފައިވާ ލޯނުތަކާއި ބިލްތަކުގެ ދަރަނީގެ ފައިސާ ނުދައްކާ ދިގުލައިގެން ގޮސްފައިވާއިރު، އެތަންތަނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލު މިނިސްޓްރީގެ ތެރޭގައި ވެސް ނެތުމުން ކަމަށެވެ. އެ ބިލްތަކަކީ ފައިސާ ނުދައްކާތާ ދެ އަހަރާއި ތިން އަހަރު ވެފައިވާ ބިލްތައް ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.
~
"ތެދަށް ދަންނަވަންޏާ އަދިވެސް ހަގީގަތުގައި ޖުމްލަ ދަރަނި އޮތީ ކިތައް މިލިއަން ރުފިޔާގެ ކަމެއް ނޭނގޭ. ބިލްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދެއް ނޭނގޭ. މިހެން ދަންނަވަންޏާ މީ ފަހަރުގައި ލަދުވެރި ބަހެއް ކަންނޭނގެ! ނޭނގެއޭ ބުނުމަކީ. އެކަމަކުވެސް ނޭނގޭތީ ނޭނގެއޭ މިދަންނަވަނީ!" މިނިސްޓްރީގެ ހާލަތާމެދު ކަންބޮޑުވެވަޑައިގެން މިނިސްޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލްތައް ނުދައްކައިގެން ބައެއް ހޮސްޕިޓަލްތަކުން ކަރަންޓު ކަނޑާލައިފައިވާއިރު، ހެލްތު ކޯޕަރޭޝަންތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ފީ ނުދައްކައިގެން އިމިގްރޭޝަންގައި ބްލެކް ލިސްޓު ކޮށްފައިވާ ކަމަށެވެ. ރަށްރަށުގެ މަރާމާތު ކުރުމާއި އެކި ހިދުމަތްތައް ނުދޭ ފަރާތްތަކަށް ހޮސްޕިޓަލްތަކުން ދަރާފައި އޮތުމުން ދެވަނަ ފަހަރަށް އެފަދަ މަރާމާތުތައް ހޮސްޕިޓަލްތަކަށް ނުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރިން މިނިސްޓްރީގެ ތެރެއިން ކަންތައްކޮށްފައި ހުރި ގޮތުން ކޮންމެ ދުވަހަކު ވެސް އާކަމެއް މިނިސްޓްރީގެ ތެރެއިން ފެންމަތިވެ ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ވިދާޅުވީ އެހެން ދިމާވެފައި ވަނީ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މައްސަލައާއި އިދާރީ މައްސަލަތައް ހުރުމުން ކަމަށެވެ.

މިހާތަނަށް ފެންނަން ހުރި ހިސާބުތަކުން ވެސް ގާގްގަނޑަކަށް 600 އާއި 800 މިލިއަން ރުފިޔާގެ ދެމެދުގައި ފައިސާގެ ދަރަނި ނުދެއްކި ހުރި ކަމަށް ދައްކާ ކަމަށާއި އެ ފައިސާގެ ތެރެއިން 202 މިލިއަނެއްހާ ރުފިޔާގެ ދަރަނި ދައްކާ ހަލާސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ތެރެއިން ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ހޮސްޕޮޓަލްތަކުގެ ދަރަނީގެ 70 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ ފައިސާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވިއިރު ހައްލު ނުވެހުރި މައްސަލަތަކަށް ހައްލު ހޯދައިގެން މިހާރު ކަންކަން ހިނގައިގެންފައި ވިޔަސް އާ ސަރުކާރު ހަވާލުވިތާ ތިން މަސްދުވަހުގެ ތެރޭގައި ހުރިހާ މައްސަލައެއް ހައްލު ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭ ނިސްބަތައް ބަލައި މިނިސްޓްރީތައް ހިންގަން ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅުގައި ހެލްތުގެ ދަރަނީގެ ބޮޑު ބައެއް ހަލާސްކުރުމަކިީ ލިބުނު ކުރިއެރުމެއް ކަމަށެވެ.