24 Jul 2024, 23:24
ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާ އަންނަ މަހު ފަށަން ނިންމާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިކަން އިއުލާނުކޮށްފައި ވަނީ "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވަނީ "މާލެ ފަހި" ޕްރޮގްރާމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ.
އެގޮތުން، މިނިސްޓްރީން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާތައް ފަށަނީ ދެމެހެއްޓެނިިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމަށް ކަމަށެވެ. އަދި ޓޯލް ފީ ކަނޑައަޅާނީ ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
"...ބްރިޖާއި ހައިވޭ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ޓޯލް ފީ ކަނޑައަޅާ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ،" މިނިސްޓްރީން ބުންޏެވެ.
މިރޭ އިފްތިތާހު ކުރި މާލެ ފަހި ޕްރޮގްރާމުގެ ދަށުން މާލޭސިޓީ ކައުންސިލުން ވަނީ، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ. އަދި ރެޖިސްޓްރޭޝަން ޑޭޓާ ބެލެހެއްޓުމަށް ބޭނުންކުރާ މެޓްރިސް ސިސްޓަމް ރިޕްލޭސް ކުރުމާއި އޮންލައިން ސިސްޓަމް ހަރުދަނާ ކުރުމުގެ މަސައްކަތަކީ ވެސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެކެވެ.
މީގެ އިތުރުން، ގަރާޖުގެ ވެރިފަރާތަށް ނޭންގި ގަރާޖުގައި ވެހިކަލް ރަޖިސްޓްރީ ކުރުމާ ގަރާޖުގެ ޖާގައަށްވުރެ އިތުރަށް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އަންނަ ސެޕްޓެމްބަރުގައި ފަށާނެކަން މިނިސްޓްރީން މިރޭ ހާމަކުރިއެވެ.
މީގެ ކުރިން ވެސް އިދާރާތަކުން ގުޅިގެން މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ ގިނަ އުޅަނދުތަކެއް ވަނީ ނައްތާލާފައެވެ.
މީގެކުރިންވެސް މާލެ ސަރަހައްދުގައި ތޮއްޖެހުން މަދުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ ގިނަ އުޅަނދުތައް ނައްތާލައި، ގަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ދަނީ ޓޯ ކުރަމުންނެވެ.