21 Jun 2012, 14:26
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޓެރަރިޒަމްގެ ހަރަކާތްތަކަށް ލޯބިކުރާ އަދި އެފަދަ ހަމަލާތަކަށް ހިތްވަރުދޭ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ސުޕެޝަލް އެޑްވައިޒާ ޓުދަ ޕުރެސިޑެންޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމެރިކާގެ އެންޓި ޓެރަރިޒަމް އެސިސްޓާންސް(އޭޓީއޭ) އާ ގުޅިގެން ޓެރަރިޒަމްގެ ހަރަކާތްތަކުން ރައްކަތެރިވާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދިނުމަށް "ޕޮލިސް ލީޑާ ރޯލް އިން ކޮމްބަޓިން ޓެރަރިޒަމް" ނަމުގައި ހިންގި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ މިއަދު ރާއްޖެ އަށް ތަފާތު ދާއިރާތަކުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާއި ތަފާތު ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ކަންތައްތަކުގެ އަޑީގައި ވަނީ ސިޔާސި ވިސްނުންތަކާއި ދީނީ ފިކުރުތަކާއި އަދި ގައުމީ ވިސްނުން ކުރިއަށް ނެރޭ ކަމަށް ބުނާބަޔެއް ކަމަށާއި އެފަދަ ކަންތަށްތައް މިހާރުން ފެށިގެން ނުހުއްޓުވިއްޖެ ނަމަ ރާއްޖެ އަށް ކުރިއަށް އޮތްތަނުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.
"ޓެރަރިސްޓުން އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ހިތްވަރު ހޯދައި އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކާ ވަރަށް ގުޅޭ. އެހެންކަމުން މިފަދަ ކަންކަމާ އަޅުގަނޑުމެން ކުރިމަތިލާން ވާނީ އޮގަނައިޒް ވެގެން، ގައުމުތަކާ ގުޅިގެން ސިފައިނާއި ފުލުހުންނާ ގުޅިގެން، އެއް މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.
ހަސަން ސައީދު ވިދާޅުވީ ކުށްތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ޓަކައި ރައްޔިތުނާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި ފުލުހުންނަކީ ރައްޔިތުންގެ އިތުބާރުލިބިފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާ އިރު ވެސް ފުލުހުންނަކީ ވަރަށް ޕްރޮފެޝަނަލް ބަޔަކަށްވެ އެކަންކަމާ ކުރިމަތިލެވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށް ޓަކައި ވެސް ޓެރަރިޒަމްގެ ހަމަލާތަކުން ސަލަމަތްވެފައިވާ ގައުމަކަށް މިގައުމު ހަދަން ޖެހޭ ކަމަށެވެ.
"ދެ ހާސް އަށް ވަނަ އަހަރުގެ ސަލްޓަން ޕާކުގައި ހިނގި ޓެރަރިސްޓް ހަމަލާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދަށްނުވީ އެކަން ހިންގި މީހުން ހައްޔަރުކުރުމުން. އެހެންކަމުން ބޭރުގެ ގައުމުތަކުގެ މީހުނަށް އެނގިގެން ދިޔަ މި ގައުމުގައި އެފަދަ މީހުނަށް ފުރުސަތެއް ނެތް ކަން،" ހަސަން ސައީދު ވިދާޅުވި އެވެ.
ޓެރަރިޒަމް ހަރަކާތްތަކަށް ރައްކާތެރިވުމުގެ ގޮތުން މި މަހު 10 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހިންގި އެ ވޯކްޝޮޕްގައި 22 ފުލުހަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. ބައިވެރިނަށް ސެޓްފިކެޓް ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޑރ. ހަސަން ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޓީއޭގެ ޑޭވިޑް ޓުއޫޓަ ވިދާޅުވީ އެ ޓްރެއިނިން ޕްރޮގްރާމަކީ އެއްގައުމު އަނެއް ގައުމާ ގުޅިގެން ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ގޮތުން ހިންގި ޕްރޮގުރާމެއް ކަމަށާއި މިޕަދަ އެހެން ޕްރޮގުރާމްތައް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.