24 Jul 2024, 16:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސަށް ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފިއެވެ.
އެކަން އަންގަވާފައި ވަނީ އާއްމު ކޮމިޓީއަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅަކުންނެވެ.
އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ އެމަނިކުފާނު ފޮނުއްވި ސިޓީފުޅު ހުށަހަޅައިދެއްވާފައެވެ.
އޭގައި ވަނީ މުރައިދޫގޭގެ މަސައްކަތް ނިމެންވާއިރަށް އެތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން މަގާމުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެމަނިކުފާނު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއް މަގާމުގެ ނަން ބަދަލުކުރުމަށާއި ހަތަރު މަގާމެއް އުވާލައި، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމަށް ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ.
އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް ބަދަލުތައް ގެންނަން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް މުރައިދޫގެ ހަމަޖެއްސެވީ 2021 ވަނަ އަހަރު, ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށްފަހު ގާނޫނަށް ގެނައި އިސްލާހާއެކުއެވެ.
އޭގެކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ. ނަމަވެސް އެ ހަމަލާއަށް ފަހު ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސް އަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ.
އެގޮތުން، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ ކަމަށާއި، އެ ދެބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބެން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.