ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރުމުން ދައުލަތަށް ދެ ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޕާމެނެޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ސަން އޮންލައިންއަށް ވިދާޅުވީ އޮފީސްތަކުގެ ބަޖެޓް ކުޑަކުރަން ދަތިތަކެއް ހުރި ކަމަށާއި އެކަމަކު ހުރިހާ އޮފީހަކުން ވެސް ބަޖެޓް ކުޑަކުރަން އެއްބާރުލުންދޭ ކަމަށެވެ. މިމަސް ނިމުމުގެ ކުރިން ބަޖެޓުތައް ކުޑަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝަފީގް ވިދާޅުވި އެވެ.

"ހަރަދުތައް ކުޑަކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް މިހާރަކު ނެތް، އެގޮތުން ހުރިހާ ފަރާތްތަކަށް ވެސް ދަންނަވާފައިވާނީ ކެބިނެޓުން ނިންމަވާފައި އޮތް ގޮތަށް ބަޖެޓް 15 ޕަސެންޓުން ކުޑަކުރަން، ހުރިހާ ބޭފުޅުން ވެސް [ހަރަދު] ކުޑަކުރަން އެއްބަސްވެ ވަޑައިގެންފައި ވަނީ، އެގޮތުން އަޅުގަނޑުމެންނަށް ދެ ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ،" ޝަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓްތައް ކުޑަކުރަން މިނިވަން މުއައްސަސާތަކުން ވެސް އެއްބަސްވާ ކަމަށާއި ނަމަވެސް ބައެއް މުއައްސަސާތަކުން ބަޖެޓުގެ 15 ޕަސެންޓް ކުޑަކުރަން އުނދަގޫ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. ޝަފީގު ވިދާޅުވީ ބަޖެޓުން އުނިކުރާ ވަރެއް އަންގަން އެ މުއައްސަސާތަކަށް ވެސް މިހާރު މުހުލަތު ދީފައިވާ ކަމަށެވެ.

"މިނިވަން މުއައްސަސާތަކާ އެކު ބޭއްވި ބައްދަލުވުންތައް ވަރަށް ކާމިޔާބު، އެބޭފުޅުން ވެސް ކުޑަކުރާނެ ކަމަށް އޮތީ އެއްބަސްވެފައި. އެކަމަކު ބައެއް ތަންތަނުން ފާހަގަ ކުރީ މިއީ އަހަރުގެ މެދުތެރެކަމަށްވާތީ 15 ޕަސެންޓް ވިޔަސް އެއީ 35 ޕަސެންޓް ކުޑަކުރުން ކަހަލަ ކަމެކޭ، އެހެންވީމަ އެވަރު ކުޑަނުކުރެވިދާނޭ، އެކަމަކު ކޮންމެވެސް ވަރެއް ކުޑަކުރާނެ ކަމަށް ދަންނަވާފައި އޮތީ،" ޝަފީގު ވިދާޅުވި އެވެ.

ސަރުކާރުގެ ވުޒާރާތަކުގެ ބަޖެޓް ކުޑަކުރާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ވެސް ހުށަހެޅި ބަޖެޓްގެ ބޮޑު ބައެއް އުނިކޮށްފައިވުމާއި މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ދޭންޖެހުމުގެ މައްސަލަ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

"އެ ގޮންޖެހުންތަކާއެކު ވެސް ކުރަން ކޮންމެހެން ނުޖެހޭ ހަރަދުތައް އުނިކުރުން ނޫން ގޮތެއް ނެތް،" ޝަފީގު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ނިންމާފައިވަނީ މި މަސް ނިމުމުގެ ކުރިން ހުރިހާ މުއައްސަސާތަކުގެ ބަޖެޓުން 15 ޕަސެންޓް އުނި ނުކުރާނަމަ އެ މިނިސްޓްރީން އެ މުއައްސަސާގެ ބަޖެޓުން އެވަރު އުނިކުރާށެވެ. ޝަފީގު ވިދާޅުވީ އެގޮތަށް އެކަން ހަމަޖެހިފައި އޮތް ނަމަވެސް މިނިސްޓްރީގެ މަގުސަދަކީ އެ ބަޔަކު އަމިއްލަޔަށް ބަޖެޓް ކުޑަކުރުން ކަމަށާއި ހުރިހާ ފަރާތަކުން ވެސް ބަޖެޓް ކުޑަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އޮންނަ އޮޕްޝަނަކީ ބަޖެޓް ކުޑަކުރުން، ބަޖެޓް އެކަންޏެއް ވެސް ނޫން، ހުރިހާ ދިމާލަކުން ހަރަދުތައް ކުޑަކުރުން، އެއީ މިއަދު ގައުމުގެ އިގްތިސޯދު އޮތް ގޮތުން ކުރަންޖެހޭ ކަމަކީ، އެކަން އެގޮތައް ކުރަން ޖެހޭނީ،" ޝަފީގު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކޮންމެ މުއައްސަސާއެއްގެ ބަޖެޓުން 15 ޕަސެންޓް ކުޑަކުރަން ކެބިނެޓުން ނިންމެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.