17 Aug 2010, 19:11
12:20
އިންތިހާބާ ބެހޭ އެކި ފެންވަރުގެ ލަފާދޭ ކޮމިޓީތަކާއި ކޮމްޕްލެއިންސް ބިއުރޯތައް އުފައްދަންޖެހޭނެ ކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފި އެވެ.
ޖުމްލަ 43 މާއްދާ ހިމެނޭ، 46 ސަފުހާގެ މި ގަވާއިދުގައި ވާގޮތުން، އިންތިހާބާ ބެހޭ ގޮތުން އިލެކްޝަން ކޮމިޝަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަޝްވަރާ ކުރުމަށް އިންތިހާބާ ބެހޭ ލަފާދޭ ގައުމީ ކޮމިޓީއެއް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި އުފެއްދިދާނެ އެވެ. އެ ކޮމިޓީގެ މެންބަރުންނަކީ، އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކަށް ނުވަތަ ކެނޑިޑޭޓެއްގެ އިންތިހާބީ އެޖެންޓަކަށް ނުވަތަ އޭނާގެ އާއިލީ މެންބަރަކަށް ވެގެން ނުވާނެ އެވެ. މީގެ އިތުރުން ކޮންމެ އަތޮޅެއްގައި ވޯޓު ނެގުމަށް، ކަނޑައަޅާ ތަންތަނުގައި އިންތިހާބުގެ އެންމެހައި ކަންތައްތައް އިލެކްޝަނުން އަންގާ ގޮތަކަށް ހިންގައި ބެލެހެއްޓުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޝަންސް ކޮމިޓީތަކެއް އުފައްދަންވާނެ ކަމަށް ގަވާއިދު ބުނެ އެވެ.
ގަވާއިދުގައި ބުނާ ގޮތުން، އިލެކްޝަންސް ކޮމިޓީތަކުގެ ބައްދަލުވުންތައް އޮބްޒާވް ކުރުމުގެ ފުރުސަތު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް، ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ފުރުސަދު ދޭގޮތަށް ވަނީ ކަނޑައަޅައިފަ އެވެ. މި ގަވާއިދު ބުނާ ގޮތުން އިންތިހާބަށް ސިޓީ އިލެކްޝަންސް ކޮމިޓީތައް ވެސް އުފައްދަންޖެހެ އެވެ.
މި ގަވާއިދު ބުނާ ގޮތުން، އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރެއިން، ނަން އަނބުރާ ގެންދެވޭނީ، ގުރުއަތުލައި ތަރުތީބުކޮށް އިއްލާނު ކުރުމުގެ ކުރިންނެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް ނަގުދު ފައިސާއިން ހުށަހަޅާ ފަނަރަ ސަތޭކަ ރުފިޔާގެ ޑިޕޮސިޓް ފައިސާ ނުލިބޭނީ ދިހަ ޕަސެންޓަށްވުރެ މަދުން ވޯޓް ލިބޭ ފަރާތްތަކަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯތަކަށް މެމްބަރުން އައްޔަންކުރާއިރު މާލޭގެ ކޮމްޕްލެއިން ބިއުރޯގައި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ގާނޫނީ ގޮތުން ދެ ބޭފުޅަކާ ސަރުކާރުގެ ކަމާބެހޭ ތަޖްރިބާކާރު ބޭފުޅުން ހިމެނޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ ރަށްރަށުގެ ކޮންމެ އަތޮޅެއްގައި ވެސް އަތޮޅު ފެންވަރުގައި އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއެއް ހުންނާނެ ކަމަށެވެ. އަދި އެ ބިއުރޯތަކުގައި ތިއްބަވާނީ ތިން ބޭފުޅުން ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ އޭގެ ތެރޭގައި ވެސް ޝަރީއަތާއި ގާނޫނީ ގޮތުން ތައުލީމް ހާސިލް ކުރައްވާފައި ހުންނެވި ބޭފުޅަކު ހުންނަވާނެ ކަމަށެވެ.