24 Jul 2024, 18:15
ރާއްޖޭގައި ވަޒީފާދޭ މީހުންނާއި ވަޒީފާ ހޯދާ މީހުން ގުޅުވައިދިނުމަށް އުފައްދައިފައިވާ ނޭޝަނަލް ޖޮބް ސެންޓަރުގެ ނަން ނޭޝަނަލް ކެރިއާސް ސާވިސްގެ ނަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އެ ބަދަލު ގެންނެވީ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެ އޮންލައިން ޕްލެޓްފޯމަކީ މުޅި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ޕޯސްޓްކުރުމަށާއި އެ ފުރުސަތުތަކަށް އެދުމަށް ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާ ހޯދާ ފަރާތްތަކަށް ޒަމާނީ އަދި ބޭނުންކުރަން ފަސޭހަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޕްލެޓްފޯމެކެވެ.
އެ ޕްލެޓްފޯމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ހޯދާ މީހުންނަށް، އެ މީހުންގެ ހުނަރާއި ތަޖުރިބާ އަދި އިސްކަންދޭ ކަންތައްތަކާ ގުޅޭ އައު ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ހޯދޭނެއެވެ. އަދި ބޭނުންކުރާ ފަރާތްތަކަށް ޖޮބް ސެންޓަރުން ތަމްރީނުތަކާއި ކޯސްތައް ހޯދައި، އެކަންކަމަށް އެދެވޭނެއެވެ.
ނެޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި އިދާރާއެއް އުފެއްދީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.