24 Jul 2024, 14:06
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްކޮޓިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ސެލްޓިކް އާއި އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ބައްދަލުކުރި މެޗު ސެލްޓިކް ކާމިޔާބު ކޮށްފިއެވެ.
އެމެރިކާއަށް މިހާރު ޕްރީ ސީޒަން ޓުއާ ކުރަމުންދާ މި ދެޓީމުގެ ބައްދަލުކުރި މެޗު ކުޅެފައިވަނީ ނޯތު ކެރޮލައިނާގައެވެ. މި މެޗު ސެލްޓިކްއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.
ސިޓީގެ މުހިންމު ގިނަ ކުޅުންތެރިން އަދި ޓީމާ ގުޅިފައިނުވާތީ ވަރަށް ޒުވާން ޓީމެއް ފެނިގެންދިޔައިރު ސެލްޓިކްގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ޓީމެކެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ ސެލްޓިކްއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލަސް ކޫންއެވެ. މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ އޮސްކާ ބޮބްއެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި ކޫން ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު ސެލްޓިކްއިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކިޔޯގޯ ފުރުހާޝީ ކާމިޔާބު ކުރި ލަނޑާއެކު ސެލްޓިކްއިން މިމެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ފެށުން ސިޓީއަށް ދިޔައީ ވަރަށް ރަނގަޅަށެވެ. މިގޮތުން މި ހާފުގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓުގައި މެކްސިމޯ ޕެރޯން ޖަހައިދިން ލަނޑާއެކު ސިޓީއިން ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރިއެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި އާލިން ހާލަންޑް ޖަހާދިން ލަނޑާއެކު ސިޓީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ވެސް ކޮށްފައެވެ.
މި މެޗުން ސެލްޓިކް މޮޅުވި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ލުއިސް ޕަލްމާއެވެ. މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް މެޗު ނިމިގެންދިޔައީ މިނަތީޖާއަށް އިތުރު ބަދަލެއް ނައިހެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ކުޅުންތެރިން މި މެޗުން ބަލިވި ނަމަވެސް ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ. އޭނާ ހާމަކުރިގޮތުގައި މި މެޗުން ބަލިވި ނަމަވެސް ރަނގަޅު ގިނަ ކަންތައްތަކެއް އޭނާއަށް ފެނިގެންދިޔަ ކަމަށެވެ. އަދި ޕެޕް ވަނީ މި މެޗުގައި އޮސްކާ ބޮބް ދެއްކި މޮޅު ކުޅުމަށް ތައުރީފް ކޮށްފައެވެ.
ސިޓީއިން އެމެރިކާއަށް ކުރަމުންދާ ޓުއާގައި މި އަންނަ ހޮނިހިރު ދުވަހު ނިއުޔޯކްގެ ޔެންކީ ސްޓޭޑިއަމްގައި ބައްދަލުކުރަނީ އިޓާލިއަން ސެރީއާގެ އޭސީ މިލާން އާއެވެ.