21 Jun 2012, 13:33
ދެވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ކުޅުން ރޭގައި ނިންމާލައިފި އެވެ.
އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތް ހަލީމްއާ ބައްދަލުކޮށް ދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަޖީގެ އިފާޝާ ޝަރީފް އެވެ. މި އިވެންޓުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެސްޓީއޯގެ އަބްދުﷲ ޝަބީން އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެން އެމްއެންޑީއެފްގެ އަހްމަދު ހާމިދު އެވެ.
ޑަބަލްސް އިވެންޓުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ އައިމިނަތް އަލީ އަދި އައިމިނަތް އަޒީމާ އާއި ވާދަކޮށްް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެން އެސްޓީއޯގެ މަރިޔަމް ނިޔާޝާ އާއި ލަޔާލީ އަލީ އެވެ. މި އިވެންޓުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އެސްޓީއޯ ގެ ހުސެއިން އަލީ އާއި އަބްދުﷲ ޝަބީން އާވާދަކޮށް ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެން މޯލްޑިވިސް ޕޮލިސް ސާވިސްގެ އަބްދުﷲ ފިރުޝާނާއި މުހައްމަދު އިބްރާހިމް އެވެ.
މިއަދު ހަވީރު 4:30ގައި މި މުބާރާތުގެ އޯޕަން ސިންގަލްސް އިވެންޓުގެ ފައިނަލް އަދި މިރޭ 8:30 ގައި އަންހެން އަދި ފިރިހެން ޓީމް އިވެންޓުގެ ފައިނަލް މެޗުތައް ކުޅޭނެ އެވެ.
އޯޕަން ސިންގަލް ފައިނަލްގައި ބައްދަލުކުރާނީ އެސްޓީއޯގެ ހުސެއިން އަލީ އާއި އެމްއެންޑީއެފްގެ އަހްމަދު ހާމިދެވެ.
ފަނަރަ ޓީމަކުން ވާދަކުރި މިމުބާރާތުގެ ފިރިހެން ޓީމު އިވެންޓުގެ ފައިނަލުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއެވެ. އަދި ނުވަ ޓީމަކުން ވާދަކުރި މިމުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ފައިނަލުގައި ބައްދަލުކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަޖީ އެވެ.
މިމުބާރާތުގައި ބައިވެރިވެފައިވާ އޮފީސްތަކަކީ ބެންކް އޮފް މޯލްޑިވްސް، ދިރާގު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެންޑީއެފް، މޯލްޑިވްްސް ޕޮލިސް ސާވިސް، އެމްޓީސީސީ، މޯލްޑިވިއަން އެއަރ ޓެކްސީ، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ފޮރިން އެފެއަޒް، އޮފީސް އޮފް ޕްރޮގްރާމް އެންޑް ޕްރޮޖެކްޓްސް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް، ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން، އަދި ކޮސްޓް ލައިން އިންވެސްޓްމަންޓެވެ.