25 Jul 2024, 09:07
ޓެލްއަވީވު (24 ޖުލައި 2024) : ޔޫރަޕްގެ ބައެއް ގައުމުތަކާއި ޖަޕާނު ވެސް ހިމެނޭގޮތަށް ދުނިޔޭގެ ބައެއް ގައުމުތަކުން ފަރުދީ ފެންވަރުގައި އިސްރާއީލުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދެކޮޅުހަދާ ހާލަތްތައް އިތުރުވަމުންދާ ކަމަށާއި އިސްރާއީލާ އިދިކޮޅު އަދި އިސްރާއީލަށް ނަފުރަތު ކުރުމުގެ ޝުޢޫރުތައް މުޅި ދުނިޔޭގައި ފެތުރެމުންދާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ "ހައާރެޓްޒް" ބުނެފިއެވެ.
މި ނޫހުން ބުނާގޮތުން ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދަނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ދުނިޔޭގެ އާންމުންގެ ގިނަ ބަޔަކު މިހާރުވަނީ ދެކެން ފަށާފައެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގަމުންގެންދާ ލާއިންސާނީ އަނިޔާވެރިކަމަކީ ދެވަނަ ބޮޑުހަނގުރާމައިގާ ހިޓްލަރުގެ ސިފައިން ހިންގިފަދަ ޖަނަވާރު އަދި ބާބެރިކް ޖަރީމާތަކެއް ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރަން ފަށާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެއެވެ.
މިކަމުގެ ސަބަބުން ގައުމުތަކުގެ ރައްޔިތުންގެ ފެންވަރުގައި އިސްރާއީލު އެކަހެރި ކުރަމުންގެންދާ ކަމަށާއި މިކަމުގެ ޝިކާއަރަކަށްވަނީ މައިގަނޑު ގޮތެއްގައި އިސްރާއީލުގެ ޔަހޫދީން ކަމަށް މި ނޫހުގައި ބުނެއެވެ.
އިސްރާއީލުގެ އާބާދީގައި ހިމެނޭ ނުވަ މިލިއަން މީހުންގެ ތެރެއިން 73 އިންސައްތަ މީހުންނަކީ ޔަހޫދީންނެވެ. މީގެ ތެރޭގައި ކަޅުނަސްލުގެ ޔަހޫދީން ހިމެނުނަސް އެއީ ވަރަށް ބައިމަދު ބައެކެވެ. ބައިގިނައީ ދޮން ނަސްލުގެ ޔަހޫދީންގެއެވެ.
ޔަހޫދީންގެ އިތުރުން އިސްރާއީލުގެ އާބާދީގައި ހިމެނެނީ އަރަބިންނާއި އެ ނޫން ދަރިކޮޅުތަކުގެ މީހުންނެވެ. އިސްރާއީލުގެ އަރަބި އާބާދީގެ ނިސްބަތަކީ 21 އިންސައްތައެވެ. މީގެ އިތުރުން، އެ ނޫން ދަރިކޮޅުތަކުގެ ހަ އިންސައްތަ ވެސް އިސްރާއީލުގެ އާބާދީގައި ހިމެނެއެވެ.
އިސްރާއީލުގެ އާބާދީގައި ހިމެނޭ އަރަބި ދަރިކޮޅުގެ މީހުންނަކީ މައިގަނޑު ގޮތެއްގައި ފަލަސްތީނު މީހުންނެވެ. އެއީ ފަލަސްތީނުގެ ބިމުގައި 1948 ގައި އިސްރާއީލުގެ ނަމުގައި އިސްތިއުމާރީ ދައުލަތެއް އުފެއްދިއިރު އެ ތަނުން ބޭރުކޮށް ނުލެވިތިބި ފަލަސްތީނު މީހުންނެވެ. މީގެ ތެރޭގައި ފަލަސްތީނުގެ މުސްލިމުން ގިނަ ނަމަވެސް މަދު އަދަދެއްގެ ނަސާރާއިން ވެސް ހިމެނެއެވެ.
އިސްރާއީލު އުފެދުމާ އެކު ފަލަސްތީނު މީހުންވަނީ ގަދަކަމުން އެ މީހުންގެ ގެދޮރުންނާއި އަދި ވަޒަނުން ބޭރުކޮށްލާފައެވެ. މި ގޮތަށް ބޭރުކޮށްލި ފަލަސްތީނު މީހުން ރެފިއުޖީންގެ ގޮތުގައި ދިޔައީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށާއި ފަލަސްތީނާ އިންވެގެންވާ އަވައްޓެރި އަރަބި ގައުމުތައް ކަމަށްވާ ސޫރިޔާ ލުބްނާން އަދި އުރުދުންއަށެވެ.
އިސްރާއީލުގެ ޔަހޫދީންނަކީ އެމެރިކާއާއި ޔޫރަޕާ އަދި ރަޝިއާއިން ފަލަސްތީނުގެ ބިމަށް ހިޖުރަކޮށްގެންއުޅޭ ޣައިރު ގާނޫނީ ހިޖުރަވެރިންނެވެ. އިސްރާއީލުގެ ޔަހޫދީންގެ ތެރޭގައި ހިމެނޭ ކަޅު ނަސްލުގެ މީހުންނަކީ އެފްރިކާގެ ގައުމުތަކުން އިސްރާއީލަށް ހިޖުރަކޮށްފައިވާ ޔަހޫދީންނެވެ.
އިސްރާއީލަކީ ޔަހޫދީން ފިޔަވައި އެ ގައުމުގެ އެހެން ދަރިކޮޅުތަކުގެ މީހުންނާމެދު ނަސްލީ އިމްތިޔާޒުގެ ތަފާތުކުރުންތައް ރަސްމީގޮތެއްގައި ގެންގުޅޭ ގައުމެކެވެ. އިސްރާއީލުގެ ގާނޫނުތައް ހަދާފައިވަނީ ޔަހޫދީންނަށް ވަކިގޮތެއް އަދި އެ ނޫން ދަރިކޮޅުތަކުގެ މީހުންނަށް ވަކިގޮތެއް އޮންނަ ގޮތަށެވެ.
ޔަހޫދީންނަށް ބަލާއިރު ވެސް އިސްރާއީލުގެ ދޮން ނަސްލުގެ ޔަހޫދީންނާއި ކަޅުނަސްލުގެ ޔަހޫދީން ތަފާތު ކުރެއެވެ. ކަޅުނަސްލުގެ ޔަހޫދީންގެ ހައްގުތައް އޮންނަނީ ހަނިކޮށްލާފައެވެ.
އިސްރާއީލުގެ "ހައާރެޓްޒް" ނޫސް ބުނާގޮތުން އެ ގައުމުގެ އާބާދީގެ ތެރެއިން 64 އިންސައްތަ މީހުން އިސްރާއީލު ސިފައިން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް (ގަތުލުއާންމުތަކަށް) ތާއީދުކުރެއެވެ.
ދުނިޔޭގެ އެތައް ގައުމެއްގެ ރައްޔިތުން އިސްރާއީލުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދެކޮޅު ހަދަނީ ޣައްޒާގައި އިސްރާއީލު ކުރިއަށްގެންދާ ހަނގުރާމައަށް އިސްރާއީލު ގިނަ ބަޔަކު ތާއީދުކުރާތީ ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
"ހައާރެޓްޒް" ބުނާގޮތުން ޖަޕާނާއި މެކްސިކޯ އަދި ސްކޮޓްލޭންޑް ފަދަ ބައެއް ގައުމުތަކުގެ ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި އަދި ގެސްޓް ހައުސްތަކުން މިފަހަކަށް އައިސްވަނީ އިސްރާއީލު މީހުންނަށް މަރުހަބާ ނުކިޔާކަން އިއުލާނުކޮށްފައެވެ.
ދާދި ފަހުން ޖަޕާނުގެ ކިޔުޓޯގެ މަތިރިޔާލް ހޮޓެލްއިން އިސްރާއީލުގެ ބައެއް މީހުންގެ ބުކިން އެ މީހުންނަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރާ މީހުންކަމަށް ބުނެ ކެންސަލް ކޮށްފައިވެއެވެ. އަދި، ސްކޮޓެލޭންގެ ވެރިރަށް އެޑިންބަރާ ގެ ރެސްޓޯރެންޓަކުން ވެސް ވަނީ އިސްރާއީލުގެ އެތައް ބަޔަކަށް ޚިދުމަތް ދިނުމަށް ދެކޮޅު ހަދާފައެވެ.
ދުނިޔޭގެ އާންމުންގެ ފެންވަރުގައި އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް ބޮއިކޮޓް ކުރުމާއި އެކަހެރި ކުރުމާ އަދި ޚިދުމަތުން މަހުރޫމުކޮށް ބާކީކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް މިކަން ކުރަމުން ގެންދަނީ ފަރުދީ ފެންވަރުގައި ކަމަށާއި ރަސްމީ ލެވެލްގައި ނޫން ކަމަށް "ހައާރެޓްޒް"ގައި ބުނެއެވެ.
ދުނިޔޭގެ ގައުމުތަކަށް ރަސްމީ ލެވެލްގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ނުކެރެނީ އެކަންކޮށްފިނަމަ އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާއާއި ޔޫރަޕުން އެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެކަމުގެ ބިރަށް ނޫނީ ފިއްތުންތައް ކުރިމަތިކޮށްފާނެތީ އެކަމުން ލިބިދާނެ ގެއްލުންތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ ލާއިންސާނީ އަނިޔާވެރިކަން ކުށްވެރިކުރުމާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންނަށް ތާއީދުކުރުމަކީ އެމެރިކާއާއި ޔޫރަޕްގެ ނުރުހުން އަމާޒުވާނެކެމެކެވެ. އެ ކަންކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާނެ ކަންކަމެވެ.
އެމެރިކާއާއި ޔޫރަޕްގެ ނުފޫޒު އޮންނަ ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި ވެސް ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދަށާއި ހަމާސް ފަދަ މުޖާހިދުންގެ ޖަމާއަތްތަކަށް ތާއީދުކޮށް ޝުޢޫރު ފާޅުކުރުން އޮންނަނީ މަނާކަމަކަށް ހަދާފައެވެ.