24 Jul 2024, 10:21
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ.
ހަތަރު ގައުމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދާފައިވަނީ ސީދާ ތިން ސެޓުންނެވެ. އެއްވަނަ ރޭންކާއެކު ފައިނަލަށް ދަތުރުކުރި ލަންކާއަށް މި މެޗުގައި މޮޅު ކުޅުމެއް ނުދެއްކުނެވެ.
މި މުބާރާތުގައި މިދެޓީމު ކުޅުނު ފުރަތަމަ މެޗު 3-2 ސެޓުން ކާމިޔާބުކޮށްފައިވަނީ ލަންކާއެވެ. ލަންކާ ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ނަމަވެސް ފައިނަލުގައި ކިރްގިސްތާނު ފެނުނީ ހުރިހާ ގޮތަކުންވެސް ވަރުގަދަކޮށެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކިރްގިސްތާނުން ލީޑުކުރަމުން ދަނިކޮށް ސެޓުގެ ފަހު ވަގުތު ލަންކާއިން އިން ވަނީ ފަހަތުން އަރާ ކިރްގިސްތާނާ އެއްވަރުކޮށްފައެވެ. މީގެ އިތުރުން ލަންކާއަށް މި ސެޓު ކާމިޔާބުކުރުމަށް ދެފަހަރު ފުރުސަތު ލިބިގެންދިޔަ އެވެ. ނަމަވެސް ސެޓުގެ އެންމެ ފަހު ދެ ޕޮއިންޓް ކިރްގިސްތާނުން ހޯދާ 26-28ގެ ނަތީޖާއަކުން ވަނީ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓު ފަށައިގެންވެސް ކިރްގިސްތާނުން ވަނީ ލީޑު ނަގާފައެވެ. މި ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-17 އިންނެވެ. އަދި ތިންވަނަ ސެޓު 19-25 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ޑްރީމް ޓީމު ވަނީ ހޮވާފައެވެ. ޑްރީމް ޓީމުގައި ހިމެނެނީ ކިރްގިސްތާނުގެ ރޯޒާ، ސްރީ ލަންކާގެ ޗަތުރި، ކިރްގިސްތާނުގެ ސައިކަލް، ލަންކާގެ ސެސަންދީ ރުވަންޔާ، ކިރްގިސްތާނުގެ އައިތުރްގަން، އަދި ސްރީ ލަންކާގެ ލޮކޫ ވިޖެސިންގަލަގާއެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކިރްގިސްތާނުގެ ރޯޒާއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ދިވެހިރާއްޖެއެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަކީ ނޭޕާލެވެ.