ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން އުފައްދާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނުން ނެރުނު ޓައިމްލައިނަކީ ސަރުކާރުގެ މަޝްވަރާއެއް ނެތި ކޮމިޝަނުގެ މެންބަރުންގެ ފުރިހަމަ އިހުތިޔާރުގައި ނެރުނު ޓައިމްލައިނެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަން އަލަށް އެކުލަވާލެއްވުމަށްފަހު އެ ކޮމިޝނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރަން މިއަދު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ސަން އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ މެންބަރު ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވީ ޓައިމްލައިން ނެރުނީ ސަރުކާރުގެ މަޝްވަރާއެއް ލިބިގެން ނޫން ކަމަށާއި ޓައިމްލައިނެއް ނެރުނީ ލިބިފައިވާ ހުރިހާ މައުލޫމާތުތަކުގެ މައްޗަށް ބުރަވެ އާއްމުންގެ ހިޔާލު ހޯދަން ކަމަށެވެ.

"ޓައިމްލައިނަކީ އެއްވެސް ވަރަކަށް ސަރުކާރާއި މަޝްވަރާކުރުމެއްނެތި ކުރިކަމެއް. އަޅުގަނޑުމެން ހުރިހާ ނިއުސް ކޮންފަރެންސްތަކުގައި ދަންނަވަމުން މިދަނީ އިންޑިޕެންޑެންޓް ކޮށޭ އަޅުގަނޑުމެންނަށް މަސައްކަތްކުރަމުން ދިޔައީ. ސަރުކާރުގެ އެއްވެސް ކަހަލަ ޕްރެޝާއެއް އެއްވެސް ކަހަލަ މަޝްވަރާއެއްނެތް!" ފަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓައިމްލައިންގައި ހުރި އެއްވެސް މައުލޫމާތެއް ބަދަލު ކުރަން ޖެހޭނީ ނެރުނު ޓައިމްލައިންގެ ހުރި މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ވަކި ކަމެއް ސައްހަ ނޫންކަމަށް ދޭހަވާ ވަރަށް އިތުރު ހެކި ލިބިއްޖެނަމަ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ލިބިއްޖެ ނަމަ ޓައިމްލައިނަށް ބަދަލު ގެންނާނެ ކަމަށެވެ. ޓައިމްލައިން ނެރުމުގެ ސަބަބުން އިތުރު މައުލޫމާތުތަށް ލިބިފައިވާ ކަމަށް ވެސް ފަވާޒް ވިދާޅުވި އެވެ.

ކޮމަން ވެލްތުން އިންކްއަރީ ކޮމިޝަނަށް ކަނޑައަޅާފައިވާ ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމު ވިދާޅުވީ އަލަށް ކޮމިޝަން އެކުލަވައިލުމުގެ ކުރިން ނަގާފައިވާ އިންޓަވިއުތަކާއި މައުލޫމާތުތައް މިހާރު ދިރާސާކުރައްވަމުން ގެންދަވާ ކަމަށާއި ކުރީގެ ކޮމިޝަނުން ނަގާފައިވާ މައުލޫމާތުތަކާއި އިންޓަވިއުތައް ބޭނުން ކުރެއްވޭނެ ކަމަށް ދެކެ ވަޑައިގެންނަވާ ކަމަށެވެ.

ޓައިމްލައިނާއި ގުޅޭ ގޮތުން ފަނޑިޔާރު ވިދާޅުވީ ކޮމިޝަނުން ނެރުނު ޓައިމްލައިނާއި އެމްޑީޕީގެ ފަރާތުން ނެރުނު ރިޕޯޓްގެ މައުލޫމާތުތައް ބަލައި ބޭނުންވާ މުހިންމު މައުލުމާތުތަކެއް ހުރިނަމަ ކޮމިޝަނުގެ ރިޕޯޓް ނެރުމުގެ ކުރިން އެ މައުލުމާތުތައް ބޭނުން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ މައުލޫމާތު އެނގިލައްވާ ވީހާ ވެސް ގިނަ ބޭފުޅުން މިތަނަށް [އިންކްއަރީ ކޮމިޝަނަށް] ވަޑައިގެން މައުލޫމާތުތަށް ދެއްވުން. އެބޭފުޅެއްގެ ހުރި ހެކިތަކާއި އަދި ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރެއްވުން. އަޅުގަނޑުމެން ރިޕޯޓް އެކުލަވާލައި ނެރުމުގެ ކުރިން ދެ ޓައިމުލައިންގައިވާ މައުލޫމާތުތައް ވެސް ބެލުމަށް ފަހު ބޭނުން ހިފޭ މައުލޫމާތެއްގެ ބޭނުން ހިފާނަން،" ސެލްވަމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނުގައި ބައިވެރިވެ ވަޑައިގެންނެވި ގަހާ އަހުމަދު ސައީދު ވިދާޅުވީ މިހާތަތަނަށް ދެ ދުވަހުގެ މަސައްކަތްކުރެވުނު އިރު އޭގެ ގިނަ މަސައްކަތްތަކީ ކުރީގެ ކޮމިޝަނުން ހޯދާފައިވާ މައުލޫމާތުތައް ދިރާސާ ކުރުން ކަމަށެވެ.

ސައީދު ވިދާޅުވީ ކުރިން އިންކްއަރީ ކޮމިޝަން ބެލެންސް ނޫން ކޮމިޝަނެއް ކަމަށް ބުނަމުން އައީ ކޮމިޝަނުގައި އެއް ފަރާތެއްގެ މެންބަރުން ތިއްބެވުމުން ކަމަށާއި މައުލޫމާތު ދެއްވަން ބައެއް ފަރާތްތަކުން ފަސްޖެހުނީ ވެސް އެހެން ވެެގެން ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ފަރާތަކުން ކޮމިޝަނުގައި ބޭފުޅުން ތިއްބެވުމާއެކު ކުރިން މައުލޫމާތު ނުދެއްވާ ބޭފުޅުން މައުލޫމާތު ދެއްވަން ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނުގެ މެންބަރު ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ ކޮމިޝަނަށް މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30 ގެ ނިޔަލަށް އެ މައުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކޮންމެ މީހަކަށް ވެސް ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ދެއްވި ދާނެ ކަމަށެވެ.

ކޮމަންވެލްތުގެ ފަރާތުން ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދެއްވުމުގެ ގޮތުން ނިއުޒީލެންޑުގެ ރިޓަޔާޑް ޖަޖު ސާ ބުރޫސް ރޮބަޓްސަން އަދި އދ ފަރާތުން ކޮމިޝަނަށް އެހީތެރިވުމަށް އެމެރިކާގެ ޕްރެފެޝާ ޖޯން ޕެކާ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ދެ ބޭފުޅުން ވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދުރުގައި ތިއްބެވި އެވެ.

ނެޝަނަލް އިންކްއަރީ ކޮމިޝަން އަލުން އެކުލަވައިލި އިރު އެކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު އާއި ޑރ އިބްރާހިމް ޔާސިރު އަހުމަދާއި، ޑރ. އަލީ ފަވާޒު ޝަރީފާއި، ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމާއި، ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ ގަހާ އަހުމަދު ސައީދެވެ. ކޮމިޝަނުގެ މަސައްކަތް އަލުން ފެށި އިރު ކޮމިޝަނުގެ ރައީސް އިސްމާއީލް ޝަފީއު ހުންނެވީ އުމުރާއެއްގަ އެވެ.

އިންކްއަރީ ކޮމިޝަނުގެ މަސައްކަތް އަލުން ފެށީ މިދިއަ އާދީއްތަ ދުވަހު އެވެ. ކޮމިޝަނުގެ މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ އަންނަ ޖުލައި މަހުގެ 31 ނިޔަލަށެވެ.