24 Jul 2024, 08:59
މިހާތަނަށް އެންމެ ހޫނު ގަދަވި ދުވަހަކީ މި މަހުގެ 21 ވީ އާދީއްތަ ދުވަސް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސްގެ ހިސާބުތަކުން ދައްކައިފިއެވެ.
އީޔޫގެ ކްލައިމެޓް މޮނިޓަރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހު ދުނިޔޭގެ އެވްރެޖް ސަރަހައްދުގެ ވައިގެ ފިނިހޫނުމިން 17.09 ޑިގްރީ ސެލްސިއަސް ނުވަތަ 62.76 ޑިގްރީ ފަރެންހައިޓްއަށް އަރާފައިވާއިރު، މިއީ 1940 ވަނަ އަހަރު ރިކޯޑްތައް ބަލަހައްޓަން ފެށި ފަހުން ދުނިޔޭގެ ހޫނުމިން އެންމެ ގަދަވި ދުވަސް ކަމަށެވެ.
"މިދިޔަ 13 މަސް ދުވަހުގެ ފިނިހޫނުމިނާއި ކުރީގެ ފިނިހޫނުމިނުގެ ރެކޯޑްތަކުގެ ތަފާތު ވަރަށް ބޮޑު. ހޫނުގަދަވަމުންދާ ވަރަކަށް ކުރިއަށް އޮތް މަސްތަކާއި އަހަރުތަކުގައި އާ ރިކޯޑްތައް މުގުރާލާނެކަން ކަށަވަރު،" އީޔޫގެ ކްލައިމެޓް މޮނިޓަރުގެ ޑިރެކްޓަރު ކާލޯ ބުއޮންޓެމްޕޯ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފާއިތުވި ހަފުތާތަކުގައި ހޫނު ގަދަވުމުގެ ސަބަބުން އެމެރިކާ، ޔޫރަޕް އަދި ރަޝިއާގެ ބޮޑެތި ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ފަލަސްތީނުގެ ޣައްޒާއަށް ވެސް ހޫނުގަދަވެ، އެ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ވަނީ ގޯސްވެފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ހޫނުގަދަވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންނެވެ.
އަދި، މޫސުމަށް އަންނަ ބަދަލުތަކާއި އޭޕްރީލް މަހު ނިމުނު އެލް ނީނޯގެ އަސަރުތަކުގެ ސަބަބުން މި އަހަރަކީ މިހާތަނަށް ދުނިޔެ އެންމެ ބޮޑަށް ހޫނުވި އަހަރަށްވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ.