23 Jul 2024, 23:17
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީން ފެށި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން އަމާޒަކީ ތިން މަސް ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފިއެވެ.
ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން އިންތިހާއަށް ގިނަވެފައިވާއިރު، ސަރުކާރުން އަންނަނީ އެ ފަރާތްތައް ހޯދައި، ގާނޫނުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްތައް ކުރަމުންނެވެ.
މިގޮތުން، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ހޯމް މިނިސްޓްރީން ފެށި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފުތިތާހުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީން މައުލޫމާތު އެއްކުރަން ފަށާނީ އެއްފަހަރާއެވެ.
މި އޮޕަރޭޝަންގެ ދެވަނަ ފިޔަވައްސާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރުމަށްއެސްއެސްޓީވީން މިރޭ ގެނެސްދިން ބާރުހަތަރެއް ޕްރޮގްރާމުގައިހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވީ، އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ރަށްތަކުގެ ކައުންސިލްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ކުރަނގި އޮަޕަރޭޝަންގެ ދަށުން ހިންމަފުށީގައި ބިދޭސީއެއްގެ ފިންގަޕްރިންޓު ނަގަނީ: އަމާޒަކީ، ތިން މަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ ---ސަން ފޮޓޯ/ މޫސާ ނަދީމް
އެގޮތުން، މިނިސްޓްރީން އެކަމަށް ޚާއްސަކޮށް ޕޯޓަލެެއް ގާއިމުކޮށްފައިވާ ކަމަށާއި އެ ޕޯޓަލަށް މައުލޫމާތުތައް އެއްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކައުންސިލްތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ޕްލޭނަކީ 100 ދުވަހުގެ ތެރޭގައި ނުވަތަ ތިން މަސް ދުވަސްތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް ހޯދައި އެއްކުރުން.
މީގެއިތުރުން، އުއްމީދަކީ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފުވެފައި ތިބި ފަރާތްތަކަށް އަލުން ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށެވެ.

މާރުކޭޓު ސަރަހައްދުގައި ބިދޭސީއަކު އަލުވި ބަސްތާއެއް ގުދަން ކުރަނީ: އަމާޒަކީ، ތިން މަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަމައެހެންމެ، ޕްރޮގްރާމް ނިމޭއިރު، ރާއްޖޭގައި ބިދޭސީން ގާއިމުވެފައި ތިބި އަދަދާއި ނުގަވައިދުން ތިބީ ކިތައް ބިދޭސީން ކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އަޅުގަނޑުމެންނަށް ސްޓެޓިސްޓިކަލީ ދެނެގަނެވޭނެ ކޮން ގައުމަކުން ކިހާ އަދަދެއްގެ މީހުނެއްކަން އަޅުގަނޑުމެންގެ ރާއްޖޭގައި މަސައްކަތް ކުރަމުން މިދަނީ. އޭގެ މައްޗަށް ބިނާކޮށްފައި އަޅުގަނޑުމެންނަށް ބެލޭނެ ގައުމީ ވިސްނުމެއްގެ ތެރެއިން ދިވެހިން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ނުކުތުމުގެ މުހިންމުކަމާއި ބޭނުންތެރިކަން އޮތީ ކިހާ މިންވަރަކަށް ކަން
ފާހަގަކޮށްލެވޭ ގޮތުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކ. ހިންމަފުށީގައި ފެށީ މެއި މަހުގެ ދެވަނަ ދުވަހެވެ. އަދި، މި އޮޕަރޭޝަން މާފުށީގައި ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

މީގެކުރިން އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދިޔަ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން: އަމާޒަކީ، ތިން މަސްތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އޭގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ދިވެހީންގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓު އާންމުކޮށް، އިހުމާލުވާ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމަވައިފައެވެ. އެ ނިންމެވުމުގައި ވަނީ، މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ވެސް ހިމަނުއްވައިފައެވެ.
ރައީސް މިފަދައިން ނިންމަވާފައި ވަނީ، ކަމާ ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެންނައިރު ގެންނާނީ ރާއްޖެއަށް ބިދޭސީން ގެންނަ ދިވެހި ކުންފުނިތައް ނުވަތަ ފަރާތްތަކުން އެމީހުންގެ ޒިންމާ ނަގަން ޖެހޭ ގޮތަށް ކަމަށް މީގެކުރިން ހޯމް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.