21 Jun 2012, 12:44
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރު ކުރިނަމަވެސް، ޕޯޗުގަލްއާ ދެކޮޅަށް މިރޭ ކުއާޓާ ފައިނަލުގައި ނުކުންނާނީ އާހިތްވަރަކާ އެކު، ގްރޫޕް ސްޓޭޖްގައި ހޯދި ކާމިޔާބީ އަށް ވުރެ ފުރިހަމަ ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކަމަށް ޗެކް ރިޕަބްލިކްގެ ކޯޗު މައިކަލް ބިކެލް ބުނެފި އެވެ.
ރާއްޖެ ގަޑިން މިރޭ 11:45ގައި ފަށާ މެޗުގެ ކުރިން އިނގިރޭސި ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ޗެކް ރިޕަބްލިކްގެ ކޯޗު މައިކަލް ބިކެލް ބުނެފައި ވަނީ، އޭނަގެ ޓީމް އޮތީ ޕޯޗުގަލްއާ ދެކޮޅަށް ކުޅުމަށް ތައްޔާރަށް ކަމަށާއި ޓީމުގެ އުންމީދަކީ މިރޭގެ މެޗް ކާމިޔާބު ކުރުން ކަމަށެވެ. އަދި އިދިކޮޅަށް ނިކުންނަ ޕޯޗުގަލް ޓީމަށް ހާއްސަ ނަޒަރަކުން ބަލާނެ ކަމަށާއި އެ ޓީމްގެ ފޯވާޑް އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަރަށް ބޮޑު ސަމާލުކަމެއް ކުޅުންތެރިން ދޭނެ ކަމަށް ވެސް ކޯޗު މައިކަލް ބިކެލް ވަނީ ބުނެފަ އެވެ.
"އަހަރުމެންގެ އަމަޒަކީ ގްރޫޕް ސްޓޭޖްގައި ހޯދި ކާމިޔާބީއަށް ވުރެ ފުރިހަމަ ކާމިޔާބީއެއް މިރޭގެ މެޗުގައި ވެސް ހޯދުން. ފޯޗިގަލް ޓީމަށް އަހަރުމެން ވަރަށް ބޮޑު ސަމާލެކަމެއް ދީފައިވާނެ. ހާއްސަކޮށް ފޯވާޑް ރޮނާލްޑޯ މިރޭގެ މެޗުގައި ހިފެހެއްޓުމަށް. އަހަރުމެންގެ ޑިފެންޑަރުން ރޮނާލްޑޯ މާތިރިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ" ކޯޗު މައިކަލް ބިކެލް ބުންޏެވެ.
ޗެކްރިޕްބްލިކްއާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ފޯޗުގަލް މިރޭ ނުކުނަ އިރު، ޕޯޗުގަލް ކުއާޓާފައިނަލުން ޖާގަ ހޯދައިފައި ވަނީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެގޮތުން ގްރޫޕްގެ ދެ ވަނަގައި ހަ ޕޮއިންޓާ އެކު އޮވެ، ކުއާޓާފައިނަލުން އެ ޓީމް ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ހޮލެންޑް އަތުން 2- 1 އިން މޮޅުވެގެން ނެވެ. އެ މެޗުގައި ޕޯޗުގަލްގެ ދެ ލަނޑުވެސް ޖެހީ މިވަގުތު ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި ރެއާލް މެޑްރިޑުގެ ފޯވަޑް ރޮނާލްޑޯ އެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ބުނެފައި ވަނީ، ޕޯޗުގަލްއާ ދެކޮޅަށް ކުއާޓާ ފައިނަލްގައި ޗެކްރިޕަބުލިކް މިރޭ ނުކުންނައިރު، ފޯޗުގަލްގެ ފޯވާޑް ރޮނާލްޑޯ ހުއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް މިރޭގެ މެޗުގައި ނަގާނީ ޗެކް ރިޕަބްލިކްގެ ޑިފެންޑަރު ތިއޮޑޯ ގެބްރެ ސެލާސީ ކަމަށެވެ. އެހެން ކަމުން މިރޭގެ މެޗަކީ ރިޕަބްލިކްގެ ޑިފެންޑަރު ތިއޮޑޯ ގެބްރެ ސެލާސީއަށް، އޭނަގެ ފުޓްބޯޅައިގެ ކެރިޔާގައި ހާއްސަ މެޗެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައި އެވެ.