23 Jul 2024, 20:32
ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ)ގެ "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު ފީމޭލް ޑައިވިން" އެވޯޑު އޮބްލޫ ނޭޗާ ހެލެނގެލި ރިޒޯޓާއި، ޑައިވިން ޕާޓްނަރު ޓީޖީއައި މޯލްޑިވްސްއަށް ލިބިއްޖެއެވެ.
މި އެވޯޑު ހަފުލާ ބާއްވާފައިވަނީ ހެލެނގެލީ ބީޗުގައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނީ މިއީ ދުނިޔޭގެ ފެންވަރުގައި ލިބުނު މި ފަދަ ފުރަތަމަ ކާމިޔާބީ ކަމަށެވެ.
ދުނިޔޭގެ އެއްވަނަ ސްކޫބާ ޑައިވިން އޯގަނައިޒޭޝަން، ޕަޑީއިން އޮބްލޫ ނޭޗާ ހެލެނގެލި އަދި ޓީޖީއައި މޯލްޑިވްސްއިން ޑައިވިން ދާއިރާއަށް އަންހެނުން ހޭލުންތެރިކޮށް، ދުނިޔޭގެ ފެންވަރުގައި އަންހެން ޑައިވަރުންނަށް ފުރުސަތު ފަހިކުރުމަށް ދޭ އެއްބާރުލުން ފާހަގަކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.
އެ ރިޒޯޓުގައި އަންހެން ޑައިވަރުންނަށް އަމާޒުކޮށްގެން ބިގިނާސްއިން ފެށީގެން ޕްރޮފެޝަނަލް ލެވެލް ފެންވަރުގެ ޕަޑީ ސެޓިފައިޑް ކޯސްތައް ހިންގައެވެ.

ޕަޑީގެ "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު ފީމޭލް ޑައިވިން" އެވޯޑު އޮބްލޫ ނޭޗާ ހެލެނގެލި ރިޒޯޓާއި، އެ މީހުންގެ ޑައިވިން ޕާޓްނަރު ޓީޖީއައި މޯލްޑިވްސްއަށް ވަނީ ލިބިފައި -- ފޮޓޯ/ އެމްއެމްޕީއާރުސީ
ސީޝެލްސްއާއި މޮރިޝަސްއަށް ކަނޑައަޅުއްވާފައިވާ ޕަޑީގެ ރީޖަނަލް މެނޭޖަރު މެޓް ވެންގާ ވިދާޅުވީ 1966ވަނަ އަހަރު ޕަޑީ އުފެދުނީއްސުރެ ޕަޑީގެ މައިގަނޑު އަސާސަކީ އަންހެން ޑައިވަރުން ދާއިރާއަށް ނެރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން ކަމަށެވެ. އަދި އަންހެން ޑައިވަރުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، އަންހެން ޑައިވަރުންނަށް އެންމެ ރަނގަޅު ޑައިވް ސައިޓްތަކާއި މަންޒިލްތަކަކީ ކޮބައިކަން ދެނެގަނެ، އެންމެން އެއްކޮށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވެސް ވެންގާ ފާހަގަ ކުރައްވާފައިވެއެވެ.
މި ހަފުލާގައި ބައިވެރިވެ ވަޑައިގެން، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ މި އެވޯޑުގެ ސަބަބުން ހުރިހާ ފަތުރުވެރިންނަށް ވެސް އާދަޔާ ޚިލާފު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވާނެ ކަމަށެވެ. އެ ގޮތުން އޮބްލޫ ނޭޗާއާއި ޓީޖީއާއި މޯލްޑިވްސްއިން އަންހެން ޑައިވަރުންނަށް ޚާއްސަ ސެންޓަރެއް އުފެއްދި ކަމަށްޓަކައި އޭނާވަނީ އެ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

ޕަޑީގެ "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު ފީމޭލް ޑައިވިން" އެވޯޑު އޮބްލޫ ނޭޗާ ހެލެނގެލި ރިޒޯޓާއި، އެ މީހުންގެ ޑައިވިން ޕާޓްނަރު ޓީޖީއައި މޯލްޑިވްސްއަށް ވަނީ ލިބިފައި -- ފޮޓޯ/ އެމްއެމްޕީއާރުސީ
އަންހެން ޑައިވަރުން އިތުރުކުރުމަށް ހެލެނގެލިން ޕަޑީ ވިމެންސް ޑޭގެ ގޮތުގައި މިމަހު 14އިން 17އަށް އަންހެން ޖާނަލިސްޓުންނާއި އިންސްޓްރަކްޓަރުން ގެނެސްގެން އެކި ހަރަކާތްތައް ހިންގާފައިވެއެވެ.