ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ޓީމު ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދީފައިވާ ކުޅުންތެރިއަކީ ކެޕްޓަން ސްޓީވަން ޖެރާޑް ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

ޔުކްރޭނާ ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖެރާޑް ވަނީ މިހާތަނަށް އިނގިރޭސި ޓީމު ޖެހި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖެހުމަށް އެހީތެރިވެދީފަ އެވެ. އަދި އޭނާ އަކީ ސްޕޭނުގެ ޑޭވިޑް ސިލްވާއާއެކު މުބާރާތުގެ އެންމެ އެސިސްޓް ގިނަ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާގެ ބަރާބަރު ކްރޮސްތައް ފާހަގަ ކުރެވެ އެވެ.

ބީބީސީގެ އެއް ރިޕޯޓަރު އެލަން ހަސަން ބުނީ ޖެރާޑް މިހާރު ކުޅޭކުޅުމުން ލިވަޕޫލްގައި ފެންނަ ޖެރާޑަށްވުރެ ވެސް މިހާރު އޭނާ ފިޓްކަމަށް ދައްކާ ކަމަށެވެ.

"މީގެ ހަތަރު ފަސްއަހަރު ކުރިން ފެނުނު ޖެރާޑް މިހާރު ފެންނަނީ. ފިފްޓީ ފިފްޓީ ބޯޅަތަކަށް ވެސް ބަރާބަރަށް ދުވާނެ. ވިން ކުރާނެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ނުފެންނަ ކަންކަން. ޖެރާޑް ޗާންސް ކްރިއޭޓް ކޮށްދީފައި އިނދިކޮޅު ޓީމުތަކުގެ ހަމަލާތައް ވެސް ހުއްޓުވާ،" އެލަން ހަސަން ބުންޏެވެ.

އިންގްލޭންޑްގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ ބުނީ ގައުމީ ކެޕްޓަންކަން ދާއިމީކޮށް ލިބުމުން ޖެރާޑްގެ ކުޅުން 10 އާއި 15 ޕަސެންޓް މައްޗަށް ޖައްސައިފި ކަމަށާއި ކެޕްޓަން ބޭންޑާއެކު ޖެރާޑް ފެނިގެންދަނީ ކުރިއަށްވުރެ އިތުބާރާއެކު ކަމަށެވެ.

ލިވަޕޫލްގެ ވައިސް ކެޕްޓަން އަދި އިނގިރޭސިކުރީގެ ޑިފެންޑަރު ޖެމައިން ކަރޭގާ ބުނީ ރޯއި ހޮޑްސަންގެ ކޯޗުކަމުގައި އިނގިރޭސި ޓީމުގެ މައިތަނބަކީ ޖެރާޑްކަން އޭނާ އަށް އެނގޭ ކަމަށާއި މިހާރު މޮޅު ކުޅުމެއް ފެނިގެންދަނީ މިސަބަބާހުރެ ކަމަށެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި އެކަނި ވެސް ޖެރާޑް ވަނީ 53 ޕާސްކޮށްފަ އެވެ. މިއީ އެމެޗުގައި ކުޅުންތެރިއަކަށް ދެވަނަ އަށް އެންމެ ގިނައިން ޕާސްކުރި އަދަދެވެ. އަދި އިނގިރޭސި ޓީމުގެ އެންމެ މަތީ ޕާސް ސްކޯ އެވެ. އޭނާ ވަނީ ޔުކްރޭން މެޗުގައި އެކަނި ވެސް އަށް ކްރޮސްކޮށްފަ އެވެ. އަދި ހަ ފަހަރު ޓެކްލް ކޮށްފަ އެވެ. މިއީ ވެސް ޔުކްރޭން މެޗުގެ ރެކޯޑް އަދަދުތަކެކެވެ.

މިހެންވެ އިޓަލީގެ ޑީރޮސީ ބުނީ އޭނާ އުއްމީދު ކުރަނީ ޖެރާޑް ފަދަ ކުޅުންތެރިއަކަށްވުމަށް ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ކުޅުންތެރިން ވެސް ވަނީ ޖެރާޑަށް ތައުރީފްކޮށްފަ އެވެ.