ދެ ހާސް ހަތް ވަނަ އަހަރާއި 2008 ވަނަ އަހަރު ސަލްޓަންސް އޮފް ދަސީސް އިން ދެ ލޯންޗް ރާއްޖެ އެތެރެކުރި އިރު އޭގެ ޑިއުޓީ އަގު ކަނޑައެޅުމުގައި ކަސްޓަމްސްގެ ކުރީގެ ވެރިޔާ އިބްރާހިމް ޝާފިއުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ މައްސަލައިގައި ހެކިބަސް ދިން ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު 14، 2007ގަ އާއި މާޗް 25، 2007ގައި ސަލްޓަންސް އިން ދެ ލޯންޗް އެތެރެކުރި އިރު އޭގެ ޑިއުޓީ އަގު ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކުޑަކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ޝާފިއުގެ މައްޗަށްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖީލިހުގައި ނަގާފައި ވަނީ އެންމެ ބޭފުޅެއްގެ ހެކިބަހެވެ. އެއީ ކަސްޓަމްސްގެ އިވެލުއޭޝަން ކޮމެޓީގެ ކުރީގެ މެންބަރު އަދި އެތާގެ ކުރީގެ ޑިރެކްޓަރު އަބްދުﷲ ވަހީދުގެ ހެކިބަހެވެ.

ހެކިބަސް ދެއްވަމުން ވަހީދު ވިދާޅުވީ އެ ދެ ލޯންޗްގެ ޑިއުޓީ އަގު ކަނޑައެޅުމުގައި ޝާފިއުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި ޝާފިއު ކަސްޓަމްސްގެ އިސް ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ދައުލަތުގެ ދައުވާގައި ޝާފިއު އަގު ކުޑަކޮށްދީފައިވާ ކަމަށް ބުނާ އިރު އެ އުޅަނދުގެ އަސްލު އަގަކީ ކޮބައިތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލާ އަކަށް އެކަން ސާފުކޮށެއް ނުދެވުނެވެ.

ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ އެ މައްސަލައިގައި ހެކީންގެ ގޮތުގައި ހާޒިރުކުރަން ބޭނުން ވަނީ ވަހީދު އެކަނި ކަމަށެވެ. ނަވެސް ދައުލަތުން މިއަދު ވަހީދުއާ ކުރެއްވި ސުވާލުތަކުން ދައުވާ ސާބިތުކޮށްދެވޭ ވަރަށް ކަންކަން ސާފުވެފައި ނުވާތީ އިތުރު ހެކީންގެ ގޮތުގައި ކަސްޓަމްސްގެ އިންވެސްޓިގޭޝަން ބައިގެ ކުރީގެ ސުޕްރިންޓެންޑެންޓް މަރިޔަމް ނިހާޔަތާއި ކަސްޓަމްސްގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ ރަފީގު މުސާ ހެކީންގެ ގޮތުގައި ހާޒިރުކޮށް ދެއްވުމަށް ކޯޓުގައި އެދުނެވެ.

އެ ދެ ބޭފުޅުންގެ ކިބައިން ސާފުކުރަން ބޭނުން ވަނީ ކޮންކޮން ކަންތައްތަކެއްތޯ ބެލުމަށް ފަހު ގާޒީ ސައީދު އިބްރާހިމް ވިދާޅުވީ ހެކީންގެ ގޮތުގައި ހާޒިރު ކުރެވޭނީ ހަމައެކަނި ރަފީގު މޫސާ ކަމަށެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އޭނާ ހާޒިރުކޮށް ހެކިބަސް ނެގުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޝާފިއުގެ ވަކީލު މުހައްމަދު ފައިސަލް ކޯޓުގައި އެދުނީ ރަފީގަށް ފަހު އިތުރު ހެއްކެއްގެ ހެކިބަސް ނަގާނެ ތަނެއް ނެތްކަމަށް ނިންމަވައި ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވާތީ ރަފީގަށް ފަހު އިތުރު ހެއްކަކު ހާޒިރު ނުކުރާ ގޮތަށް އަދި ނިންމެން ނެތް ކަމަށެވެ.