23 Jul 2024, 12:58
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކޮށްފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީން ބުނެފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.
ސީސީޓީވީން ބުނި ގޮތުގައި އެ ދެ ޖަމާއަތުން ސޮއިކުރީ "ބައިބައިވުން ނިމުމަކަށް ގެނައުމާއި ފަލަސްތީނުގެ އެއްބައިވަންތަކަން ހަރުދަނާކުރުމާ ބެހޭ ގޮތުން" ހުށަހަޅައިފައިވާ ބެއިޖިން ޑިކްލެރޭޝަންގައެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.
ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު އެ މަޝްވަރާތައް ފަށައިފައި ވަނީ މިދިޔަ އަދީއްތަ ދުވަހުއެވެ. އެ ބައްދަލުވުންތަކުގައި ފަތަހަ ޖަމާއަތުގެ ދެވަނަ އަށް އެންމެ އިސް ލީޑަރު މަހްމޫދު އަތާއުލް އާއި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާ ބައިވެރިވެވަޑައިގެންފައިވެއެވެ.
ދެހާސް ހަތް ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ އާންމު އިންތިހާބުގެ ނަތީޖާ އައި ގޮތާމެދު ހަމާސްއާއި ފަތަހައާ މެދުގައި ހިޔާލުތަފާތުވުން އުފެދި ހަމާސްއިން ވަނީ ޣައްޒާގައި ވަކި ސަރުކާރެއް އެކުލަވަލާފައިފައެވެ. އަދި ފަތަހައިން ވަނީ ހުޅަނގު އައްސޭރީގައި ވަކި ސަރުކާރެއް އެކުލަވައިލައިފައެވެ. އޭގެފަހުން ދެ ޖަމާއަތުގެ ދެމެދުގައި ސުލްހައިގެ އެތައް މަޝްވަރާތަކެއް ކުރި ނަމަވެސް ސުލްހަ ގާއިމުކުރެވިފައެއްނުވެއެވެ.