ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ގާއިމުކުރަން މަސައްކަތްކުރަމުން އަންނަ ވިޔަފާރި އެއްބަސްވުމާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް އީ-ކޮމާސް ޕްލެޓްފޯމްތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ވޮޝިންޓަންގައި ބޭއްވި ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމެންޓް (ޓިފާ)ގެ މަޝްވަރާތަކަށް ފަހު ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރާ އެކު މިއަދު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އީ-ކޮމާސް ޕްލެޓްފޯމްތަކަށް ފުޅާ ދާއިރާއެއްގައި ވަދެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދު ގާއިމުކުރަން މަސައްކަތްކުރަމުން އަންނަ ވިޔަފާރި އެއްބަސްވުމުގެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއަށް އެހީ ބޭނުންވާ ދާއިރާތައް ހުށަހަޅައި، ދެ ގައުމުން ވެސް ވަނީ އެ ކަމާ ގުޅޭ މަޝްވަރާތައް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުން މަސްވެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ދިނުމަށް ވެސް މަޝްވަރާ ކޮށްފައިވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ސައީދު ވަނީ މި މަހުގެ އަށްވަނަ ދުވަހު އެމެރިކާއަށް ޒިޔާރަތްކުރައްވާފައެވެ.

މި ދަތުރުފުޅުގެ މަގުސަދަކީ ވިޔަފާރީގެ މަޝްވަރާތައް ކުރުމާއި އިންވެސްޓްމަންޓުތައް އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.