23 Jul 2024, 12:30
ފިހާރަތަކަށް ވަދެ ވަޅިން ބިރުދައްކާ އިންޒާރުދޭކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު 10 ދުވަހަށް އިއްޔެ ބަންދުކޮށްފިއެވެ.
އެ މީހާ ބަންދުކޮށްފައިވަނީ ހާދިސާ ހިނގި ސަރަހައްދުގައި އުޅޭ މީހުންނަށް ވަޅިން ބިރުދައްކާ އިންޒާރުދޭ މައްސަލައިގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހުމަދު ރިޝްވާން، މއ. ކުރިބީގެއެވެ.
މި މައްސަލާގައި ފުލުހުން "ސަން"އަށް ބުނީ، އެއީ ޗާންދަނީ މަގު، ލިޓަސް ޝޯރޫމް ސަރަހައްދުގައި ހުންނަ ފިހާރަތަކަށް ވަދެ، ވަޅިން ބިރުދައްކާ އިންޒާރުދީ ފޭރެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އޭނާގެ އަތުން ވަޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، އެ މީހާ ބަންދުގައި ބަހައްޓަން އަމުރުކުރީ، ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހެޅިފައިވާކަމަށް ބެލެވޭތީ ކަމަށެވެ. އެ ގޮތުން، ސީނަށް ދިޔަ ފުލުހުންގެ ހާދިސާގެ ރިޕޯޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ލިބިފައިވާ ކަަމަށް އެ އަމުރުގައިވެއެވެ.
އެ ހެކިތަކަށް ބަލައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކުރުމަށް ފަހު މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަންދުކުރީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.
އެ އަމުރުގައިވަނީ އެ ފިރިހެން މީހާއަކީ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތެއް ކަމަށެވެ. އަދި، ބަންދުން ދޫކޮށްލައިފިނަމަ މި ކުށް ތަކުރާރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.