މިހާރު ހަދާފައި އޮތް ގާނޫނުތަކަކީ ހަމަނުޖެހޭ ގާނޫނުތަކެއް ކަމަށާއި، އެ ގާނޫނުތައް އޮތީ ވައްކަން ކުރުމަށް ވެސް ފުރުސަތުދެވޭ ގޮތަށް ކަމަށް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ކަފާލާތުގެ ބިލަށް ބަހުސްކުރައްވައެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުޞްނީ މުބާރަކުއެވެ.

ބަހުސްގެ ވަގުތުގައި ފަލާހު ވިދާޅުވީ، ވާނުވާ ބަންދުގައި އެތައް ބަޔަކު 10 އަހަރާއި 15 އަހަރު ވެސް ޖަލުގައި ތިބެންޖެހޭ ކަމަށެވެ. އެކަންކަން ހުއްޓުވުމަށްޓަކައި މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އަދުލު އިންސާފު ދިނުމުގައި އަވަސްވާންޖެހޭ ކަމަށެވެ.

އެކަންކަން ފާހަގަކުރެއްވުމަށް ފަހު ފަލާހު ވިދާޅުވީ މިހާރު އޮތީ ހަމަނުޖެހޭ ގާނޫނުތަކެއް ކަމަށެވެ. އަދި ގާނޫނުތައް އޮތީ "ވައްކަންތައް ވެސް ކުރަން ފުރުސަތު ދެވޭ ގޮތަށް" ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.

ފުލުހުން މި ދަންނަވަނީ ގާނޫނުގަ އޮންނަ ގޮތުން ތިމަންނަމެންނަކަށް ނެތޭ ބެލޭނެ މާބޮޑުކަމެއް. ތަހުގީގުކުރަން ދެން ކޯޓަކަށް ދާ ތަނުން ދަންނަވާފާނެ ތިކަން ބެލޭނީ ފުލުހުންނަށޭ. މިކަހަލަ ވަރަށް ހަމަނުޖެހޭ ގާނޫނުތަކެއް މިހާރު ހެދިފަ މިހުންނަނީ. ސަރުކާރުތަކުން ވެސް މިކަމުގައި ސަމާލުކަން ދީފައި މިހުރީ މިފަދަ ވައްކަންތައް ކުރެވޭނެ ގޮތަށް. ކަންކަމުން ލޫޕްހޯލް ހޯދޭގޮތަށް ކޮންމެސް ދިމާލަކުން ދޫ ލިބޭ ގޮތަށް ގާނޫނު އޮންނަނީ،އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ފަލާހު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އިޚުލާސްތެރިކަމެއް ހުރި ނަމަ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާ އިސްލާހުތައް ހުށަހެޅުއްވައިގެން އިސްލާހުތައް ގެނެވުނީސް ކަމަށެވެ.

މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހުކުރާނެ ވާހަކަ ކަމަށް ފަލާހު ވިދާޅުވިއެވެ. އެކަމަކު 19 ވަނަ މަޖިލިސް ނިމިދިޔައީ އިސްލާހުގެ ވާހަކަ ދައްކަން ތިއްބާ ކަމަށާއި އައި އެއްވެސް އައު ބަދަލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ފަލާހު ވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ވާހަކަ ފާހަގަކުރައްވާފައެވެ.

އެއީ ސަރުކާރަށް އޮތް ބާރެއް ކުޑަކުރުން ކަމަށާއި އެކަން ރައީސް ކުރައްވަނީ ރައްޔިތުންނަށާއި ގައުމަށް އޮތް ލޯތްބެއްގެ ސަބަބުން ކަަމަށް ފަލާހު ވިދާޅުވިއެވެ.

އެހެންވީމާ އަޅުގަނޑުމެންނަށް ޔަގީން ވަނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނުގެ ހިތްޕުޅުގައި އިޚުލާސްތެރިކަން، ތެދުވެރިކަން ހުރި ރައީސެއްކަން. ރައީސަކަށް ހުންނަ ބާރުތައް ކުޑަކުރާނީ އެ ރައީސެއްގެ ހިތުގައި ރައްޔިތުންނަށް، ގައުމަށް އޮންނަ ލޯބި އެ ދައްކައިދެނީ އެ ރައީސަކު އަމަލުކުރައްވާ ގޮތުން. ވިދާޅުވާ ބަސްފުޅުތަކަކުންނެއް ނޫން. އަމަލުފުޅުތަކުން،އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ފަލާހު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ގެނައި އިސްލާހުތަކާ ގާނޫނުތަކުން ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުން 200 އެތައް ބިލަކާއި ގާނޫނެއް ފޮނުވަން އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.

ކަފާލާތުގެ ބިލުގައި ފާހަގަކުރެވޭ ބައެއް ކަންކަން:

  • އިސްތިއުނާފަކީ އެކަށިގެންވާ އަސާސެއްގެ މައްޗަށް ބިނާވާ މައްސަލައަކަށްވުން

  • ކަފާލާތުގެ ޝަރުތުތަކަށް އަމަލުކުރުން
  • އިތުރަށް ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތުން
  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުން
  • ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރަން އެންގުމާ ގުޅޭ އިޖުރާއަތުތަކެއް ހިމަނާފައިވޭ
  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތުތަކެއް ވެސް ހިމަނާފައިވޭ

މިހާރު ގާނޫނު އޮތް ގޮތުން ކަފާލާތުގެ ދަށުން މިނިވަންކުރެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެކަނި ކަމަށް ހައިކޯޓުން މީގެ ކުރިން ބުނެފައިވެއެވެ.