22 Jul 2024, 21:13
ހުޅުމާލޭގައި ފުޑް ޓްރަކް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހުޅުވާލައިފިއެވެ.
އެ ކޮޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ ޓުރަކުތައް ހިންގުމަށް ހަވާލު ކުރާނީ ވަކި ރޭޓަކަށް ކަނޑައަޅާފައިވާ ފީއަކަށް ކަމަށާއި އެއް ހުށަހެޅުމަށްވުރެ ގިނައިން ޓުރަކު ހިންގަން ހުށަހަޅައިފިނަމަ އެ ޚިދުމަތް ދެވޭނެ ބަޔަކު ބަލާނީ އެ ކޯޕަރޭޝަންގެ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމަށެވެ.
އެ ޓްރަކުތަކުން ވިއްކާ ކާތަކެއްޗަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށް، ވިއްކާ ކާބޯތަކެއްޗަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ގާޑިޔާ ވިޔަފާރި ކުރާ ތަނެއް: ހުޅުމާލެގައި ފުޑް ޓްރަކް ހިންގަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ހުޅުމާލޭގައި ޓުރަކުތައް އޮޕަރޭޓު ކުރާ ސަރަހައްދުތައް:
ފެރީ ޓާމިނަލް
- އެސްޓީއޯ ހޮޓެލް ސަރަހައްދު
- ސެންޓްރަލް ޕާކް
- އެޗްޑީސީ ހެޑް އޮފީސް
- ފަހިވެނި, ކޮމިއުނިޓީ ސެންޓަރު
- ފެހިރެސް ޕާކް
- ރެހެންދި ސްކޫލް
- ރުއްގަނޑު އެކެއް
- ރުއްގަނޑު ދޭއް
- ރެޑްބުލް ޕާކް
- ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދު
- ވޯޓާ ތީމް ޕާކް
އެ ޓްރަކުތައް އޮޕަރޭޓު ކުރުމަށް ޚާއްސަ ގައިޑްލައިންތަކެއް ކަނޑައަޅާފައި ވާއިރު، އެ ގައިޑްލައިންތަކާއި ޚިލާފުވާ ޓްރަކުތަކުން 5000 ރުފިޔާއާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ޓުރަކުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހު ހައެއްގެ ކުރިންއެޕްލިކޭޝަން ފޯމުހުށަހެޅޭނެއެވެ. އެޗްޑީސީން ބުނީ، އެޕްލިކޭޝަން ފޯމާ އެއްކޮށް ފުޑް ޓުރަކުގެ ކޮންސެޕްޓު ޑިޒައިން ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.