23 Jul 2024, 14:11
އެމެރިކާގެ ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކްރައުޑްސްޓްރައިކްގެ ސޮފްޓްވެއާއެއްގެ އަޕްޑޭޓަކާ ގުޅިގެން ފާއިތުވި ހަފުތާގައި ދުނިޔޭގެ އައިޓީ ވިއުގަތަކަށް ދިމާވި ބޮޑެތި މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ހިއްސާގެ އަގަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމުގެ އިޝާރާތެއް މީޑިއާތަކުން ދީފިއެވެ.
ހުކުރު ދުވަހު ދިމާވި އައިޓީ މައްސަލައިގެ ސަބަބުން ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ 8.5 މިލިއަނަށްވުރެ ގިނަ ކޮމްޕިއުޓަރުތަކަށް އަސަރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިވައިސްތަކުގެ މަސައްކަތް ހުއްޓުމަކަށް އައެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށް ފަހު، މައްސަލަ ދިމާވެފައިވަނީ ކްރައުޑްސްޓްރައިކްގެ ސޮފްޓްވެއާ އަޕްޑޭޓަކާ ގުޅިގެންކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގެ ސަބަބުން ހުކުރު ދުވަހު ކްރައުޑްސްޓްރައިކްގެ ހިއްސާގެ އަގު 11 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު މާކެޓް ހުޅުވުމުގެ ކުރިން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކްރައުޑްސްޓްރައިކްގެ ހިއްސާގެ އަގު އިތުރު 4.5 އިންސައްތަ ދަށަށް ގޮސް، 291 ޑޮލަރު ހިސާބަށް ދަށްވެދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.
ކްރައުޑްސްޓްރައިކަކީ 2011 ވަނަ އަހަރު އުފެދުނު، އެމެރިކާގައި މައި އޮފީސް ޤާއިމުކޮށްފައިވާ ސައިބާ ސެކިއުރިޓީ ޓެކްނޮލޮޖީ ކުންފުންޏެކެވެ. މި ކުންފުނިން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ކްލައުޑް-ނޭޓިވް އެންޑްޕޮއިންޓް ޕްރޮޓެކްޝަން ޕްލެޓްފޯމް، އިންޓެލިޖެންސް ސާވިސަސް، އަދި ތްރެޓް ހަންޓިން ސާވިސަސް ހިމެނެއެވެ.
ކުންފުނީގެ ޚިދުމަތްތައް ދުނިޔޭގެ އެތައް ޤައުމެއްގެ ސަރުކާރުތަކާއި، ބޮޑެތި ވިޔަފާރިތަކުން ބޭނުންކުރަމުން ގެންދެއެވެ.
މިދިޔަ 2022 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ އާމްދަނީ 2.2 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 40 ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވެއެވެ.