22 Jul 2024, 19:18
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮގަސްޓު އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ތިން ދުވަހަށް ވެއްޖެއެވެ.
އަންނަ އޮގަސްޓު މަހުގެ އިންޓޭކަށް އެ ޔުނިވާސިޓީން ހުޅުވާލީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހެވެ. އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.
އެމްއެންޔޫއިން ބުނީ، މި އިންޓޭކުގައި ވެސް ގިނަ ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ކަމަށެވެ. އެގޮތުން، މި އިންޓޭކުގައި މުޅިން އަލަށް ދެ ކޯހެއް ކިޔަވައިދޭން ފެށުމަށް އެ ޔުނިވާސިޓީން ވަނީ ނިންމާފައެވެ. އޮގަސްޓު އިންޓޭކުގައި އަލަށް އެމްއެންޔޫގައި ކިޔަވައިދޭން ފަށަނީ ބެޗެލާ އޮފް ސްޓެޓިސްޓިކްސް އާއި ސެޓްފިކެޓް ތްރީއިން ފައުންޑޭޝަންއެވެ.
އިތުރަށް އެ ޔުނިވާސިޓީން ބުނީ، އެޑްވާންސް ސެޓްފިކެޓްގެ 15 ކޯހަކާއި ޑިޕްލޮމާ ލެވެލްގެ ހަތް ކޯހަކާއި އެޑްވާންސްޑް ޑިޕްލޮމާ ލެވެލްގެ ހަ ކޯހަކާއި ބެޗެލާސް ލެވެލްގެ 26 ކޯހެއްގެ އިތުރުން މާސްޓާސް ލެވެލްގެ 13 ކޯހެއް އޮގަސްޓު އިންޓޭކުގައި ހިމެނޭ ކަމަށެވެ.

ގައުމީ ޔުނިވާސިޓީ: އެމްއެންޔޫގެ އެޮގަސްޓު އިންޓޭކަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާން ތިން ދުވަސް ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އޭގެއިތުރުން، އެޑްވާންސްޑް ސެންޓްފިކެޓް އިން ނާސިންއާއި އެޑްވާންސްޑް ޑިޕްލޮމާ އިން ނާސިންއާއި ބެޗެލާ އޮފް ނާސިން އަދި ބެޗެލާ އޮފް ފިޒިއޮތެރަޕީ ލެވެލްގެ ކޯސްތަކަށް އެޕްލައި ކުރުމަށް އެމްއެންޔޫއިން ހުޅުވާލިއެވެ.
އޮގަސްޓު އިންޓޭކަށް ހުޅުވާލި އިތުރު ކޯސްތަކުގެ ތެރޭގައި، އެޑްވާންސްޑް ސެޓްފިކެޓް އިން ވިޝުއަލް އާޓްސްއާއި އެޑްވާންސްޑް ސެޓްފިކެޓް އިން އަރަބިކް ލެންގުއޭޖްއާއި ޑިޕްލޮމާ އިން ދިވެހި ލެންގުއޭޖް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ކޯސްތަކަށްއެމްއެންޔޫ ވެބްސައިޓްމެދުވެރިކޮށް އެޕްލައިކުރެވޭއިރު، އެޕްލައި ކުރާތާ ދިހަ ދުވަސް ތެރޭ ޖަވާބު ދޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެއެވެ.