22 Jul 2024, 16:25
ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.
މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާގައި މެންދުރު ނަމާދުގެ ވަގުތަށް ވަނީ ޖަލްސާ މެދުކަނޑާލާފައެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ބަހުސްކުރައްވަމުން ގެންދަވަނިކޮށް ނަމާދު ވަގުތު ޖެހުމުން، ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަހުސް ހުއްޓުވާފައެވެ.
މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ މަޖިލިސް
އަދި ބަންގީގެ އަޑު ތަޅުމުން ވަނީ އިއްވާފައެވެ.
އެއަށްފަހު ޖަލްސާ އަލުން ފަށައި މެންބަރު ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވީ ބަންގީގެ އަޑަށް ފަހުއެވެ.
މިއީ މަޖިލީހުގެ ތާރީޚުގައި ވެސް ތަޅުމުގައި ބަންގީގެ އަޑު އިއްވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ޓީވީތަކުން މަޖިލިސް ލައިވް ގެނެސް، ބަންގިއަށް މެދުކަނޑާލި ނަމަވެސް، ޖަލްސާ ކުރިއަށްދާނެއެވެ.