22 Jul 2024, 14:11
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް (ސީޖީ)ގެ މަގާމުގައި ކުރިން ހުންނެވި ގ.އަތަ، ޔޫސުފް މާނިއު މުޙައްމަދު އެ މަގާމުން ވަކިކޮށް، އެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލެއް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
މާނިއު ކަސްޓަމްސްއިން ވަކިކޮށް، އޭނާ ބަދަލުކޮށްފައިވަނީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ހަވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ، މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ދިޔާނާ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްކަމަށް އައްޔަންކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ކަސްޓަމްސްގެ ކުރީގެ ސީޖީ މާނިއު: އޭނާ ވަނީ ސީޖީކަމުން ވަކިކޮށް ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މަގާމަށް އައްޔަންކުރެއްވިއިރު ދިޔާނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަޤާމުގައެވެ. އެ މަގާމަށް ވެސް ފުރަތަމަ އައްޔަންކުރެއްވި ކަނބަލަކީ ދިޔާނާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ލޯ އެންފޯސްމަންޓް ބޮޑީއެއްގެ އެންމެ އިސް މަގާމަށް ކަނބަލެއް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކަސްޓަމްސްގެ 134 އަހަރުގެ ދިގު ތާރީޚުގައި ވެސް އެ ތަނުގެ އެންމެ އިސް މަގާމު ކަނބަލެއް ފުރުއްވާފައެއް ނުވެއެވެ.
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއުއަށް މި ފަހުން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި ކަސްޓަމްސްގެ ބޭފުޅުންތަކެއް ވަޑައިގެން 'ރާއްޖެއަށް ހަތިޔާރު ގެންނަން ނިޔަތް ގަނެއްޖެ ނަމަ އެ ފުރުސަތު އެބައޮތް' ކަމަށް ވިދާޅުވުމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި މާނިއުއަށް ފާޑުކިޔައިފައެވެ.
އޭގެ ކުރީގައި ކަސްޓަމްސްގެ ސީޖީގެ ރަސްމީ ކާރުކޮޅުގައި އަމިއްލައަށް ރަން ކުލައިގެ ފަށަލައެއް ދުއްވި މައްސަލައިގައި ވެސް މާނިއުއަށް ފާޑުކިޔުން އަމާޒުވިއެވެ. އެ ފަހަރު މާ ބޮޑަށް ފާޑުކިޔުން އަމާޒުވުމުން މާނިއު ވަނީ އެ ފަށަލަ ނަގައި، އެ ކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.