22 Jul 2024, 12:43
ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޑޮކްޓަރީ ބޭހުން ތަޣައްޔަރު ވެފައިވާ މާމުޔެއް ވިއްކަމުން ދާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސަމާލުކަމަށް އައިފައި ވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ މި މާމުތުގައި ބޭހުގެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް އެކުލެވޭ ކަމަށެވެ. އަދި މީގެ ކުރިން 2022ވަނަ އަހަރު ވެސް މި މާމުތް ރާއްޖޭގައި ދައުރުވުމުން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައިކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މި އުފެއްދުމަކީ އޫއެސް އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަގަކޮށްފައިވާ އުފެއްދުމެއްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެފްޑީއޭއިން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ "ބްލެކް ހޯސް" ނަމަކަށް ކިޔާ މާމުތަކާއި "ރޯޔަލް ހަނީ" ކިޔާ މާމުތެކެވެ.
އެމްއެފްޑީއޭއިން ބުނީ، ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތުގައި ފުރާނައަށް ވެސް ނުރައްކާވާފަދަ ކަމެއްކަމަށެވެ.
ވީމާ، މިފަދަ އުފެއްދުމެއް ބޭނުންކުރުމުން ލިބިދާނެ ސިއްހީ ގެއްލުމަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ މިފަދަ އުދެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމަކީ މަނާ ކަމެއްކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.