ފިރިހެން ދެ ވަނަ ޑިވިޝަންގެ، 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗް ސިފައިންގެ ކްލަބު ކާމިޔާބުކޮށްފައި ވަނީ ޕޮލިސް ކުލަބާ ވާދަކޮށް 79 ޕޮއިންޓް 82 ޕޮއިންޓް ހޯދައިގެންނެވެ. ވާދަވެރި މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސިފައިންގެ ކުލަބަށް ރޭގެ މެޗުގައި 30 ޕޮއިންޓް ހޯދަން ބިދޭސީ ކުޅުންތެރިޔާ އޮކެންވާ ޗުކުޑީ އެވެ.

ދެވަނަ ޑިވިޜަނުގެ ފިރިހެން ޗެމްޕިއަން ޓީމަށް ތައްޓާއި ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ސެޓިފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެޙްމާން ޓްރާންސް ޕޯޓް އޮތޯރިޓީގެ ޗެއަމަން އަބުދުއްރަޝީދު ނާފިޒު އެވެ.

ފިރިހެން ދެވަނަ ޑިވިޜަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ ސިފައިންގެ ކްލަބުގެ ޗުކުޑީ އާއި ކޯޕްރަލް މުޙައްމަދު މަހުދީ އާއި އިބްރާހިމް ރަޝްވާން އަދި ޕޮލިސް ކުލަބުގެ މުޙައްމަދު ޝަމޫންއާއި އެޚްސޮމީ ކުރިސްޓޮފާ އެވެ.

ރޭގެ ފައިނަލް މެޗް ބައްލަވާ ލެއްވުމަށް ރާއްޖޭގެ ނައިބް ރައީސް މުޙައްމަދު ވަހީދުއްދީން (ޑީން) އާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްއާއި ކަމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒްއާއި މޯލްޑިވްސް އޮލިންޕިކް ކޮމެޓީގެ އޮނަރަރީ ޗެއާމަން ޒާހިރު ނަސީރުއާއި ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހާފިޒުގެ އިތުރުން ބައެއް މުވައްސަސާތަކުގެ އިސްވެރިން ވަޑައިގެންނެވި އެވެ.

މިއަހަރުގެ 32 ވަނަ ޤައުމީ ފިރިހެން ދެވަނަ ޑިވިޜަންގައި ބައިވެރިވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ސަބަބުން ދިވެހި ސިފައިންގެ ކްލަބު ވަނީ ފުރަތަމަ ޑިވިރަނަށް ކޮލިފައިވެފަ އެވެ.