17 Aug 2010, 19:08
00:10
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި އެވެ.
މިގޮތުން ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމަށް ފަސޭހަކުރުމަށާއި އިދާރީ ހިންގުމުގެ ފަސޭހައަށްޓަކައި ރާއްޖޭގައި މަދުން މީހުން ދިރިއުޅޭ ރަށްތައް ބައެއް ބޮޑެތި ރަށްތަކުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ މުހިންމު ކަމެއްކަން މެންބަރުން ފާހަގަކުރެއްވި އެވެ. އަދި މިފަދަ ކުދި ރަށްތަކަކީ، އަސާސީ ޚިދްމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ދަތި އަދި ސްކޫލަށްދާ ކުދިން ވެސް މަދު ރަށްތައްކަން ވެސް އެ މެންބަރުން ފާހަގަކުރެއްވި އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ފަހު، ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން މި ކަންކަން އަލުން ދިރާސާ ކުރައްވައި މިކަންކަން ހިންގެވެން އޮތް ގޮތްތަކާއި އުޞޫލުތައް ބައްލަވައި ފެނިވަޑައިގަންނަވާ ގޮތެއް ވަޒީރުންގެ މަޖިލީހަށް އަލުން ހުށަހެޅުއްވުމަށް ވެސް މިއަދު އޮތް ވަޒީރުންގެ ޖަލްސާގައި ނިންމެވި އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރު އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް އަޙްމަދު ޝަފީޤާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނެވެ.
އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާނީ، ވަޒީރުންގެ މަޖިލީހުގައި މިކުރެއްވި މަޝްވަރާތަކާއި މި ދެންނެވި ކޮމިޓީން ހުށަހަޅުއްވާ ހުށަހެޅުއްވުމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި އަދި މިކަމާ ގުޅުން ހުރި ރަށްތަކުގެ މީހުންނާ ވެސް މަޝްވަރާ ކުރައްވައި އެ މީހުންގެ ޚިޔާލު ހޯއްދެވުމަށް ފަހު، ވަޒީރުންގެ މަޖިލީހަށް އަލުން ގެންނަވައިގެން ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.