22 Jul 2024, 13:17
ދިވެހި ފުލުހުންގެ ޚިދުމަތުން ތިން ރޭންކަކުން ވަޒީފާގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ތިން ރޭންކަކުން އާންމުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލާފައެވެ. އެއީ، ސާޖަންޓް ގްރޭޑް އެކެއް، ދޭއް، ތިނެއް އަދި ސީނިއާ ސާޖަންޓް ގްރޭޑް އެކެއް، ދޭއްގެ މަޤާމުތަކަށެވެ.
އިއުލާން ކޮށްފައިވާ މަގާމުތަކަށް މުސާރައާ އެކު ލިބޭ އިނާޔަތްތައް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ގޮތުން، ކޮންސްޓަބަލް ރޭންކުގެ އޮފިސަރަކަށް މުސާރައާއި އިނާޔަތްތަކާ އެކު 15،000 ރުފިޔާ ލިބެއެވެ. ސާޖަންޓް ގްރޭޑް އެކެއްގެ އޮފިސަރަކަށް 18،700 ރުފިޔާ، ސާޖެންޓް ގްރޭޑް ދޭއްގެ އޮފިސަރަކަށް 20،400 ރުފިޔާ އަދި ސާޖެންޓް ގްރޭޑް ތިނެއްގެ އޮފިސަރުންނަށް 22،100 ރުފިޔާ ލިބެއެވެ.
މީގެ އިތުރުން، ސީނިއާ ސާޖަންޓް ގްރޭޑް އެކެއްގެ އޮފިސަރުންނަށް 24،200 ރުފިޔާގެ މުސާރައެއް ލިބޭއިރު ސީނިއާ ސާޖަންޓް ގްރޭޑް ދޭއްގެ އޮފިސަރުންނަށް 26،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފައިވާ ވަޒީފާގެ ފުރުސަތުތައް --- ފޮޓޯ/ ފުލުހުން
ފުލުހުންގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާ އެކު ކަމާގުޅޭ ލިޔެކިޔުންތައް އަންނަ އޯގަސްޓް މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޕޮލިސް ހެޑްކުއާޓާސްއަށް ހުށަހަޅަން ވަނީ އެދިފައެވެ.
ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށް ކަމަށް ފުލުހުން ކުރިއިއުލާނުގައިބުނެފައިވެއެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމީ ގޮތުންނާއި މީހުން ނަގަން ކުރިއަށް ގެންދާ އެސެސްމަންޓުތަކުން މަތީ ނަތީޖާ ހޯދާ މީހުންނަށާއި ފުލުހުންނަށް އެންމެ ބޮޑަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކުގައި މަސައްކަތްކުރަން ޝައުގުވެރިވާ މީހުންނަށް އިސްކަންދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.