22 Jul 2024, 11:50
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދެ ދަރިވަރުންގެ ހާލު ރަނގަޅުވެ މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ހިއްސާކޮށްފައިވާ މެސެޖުގައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ، ޕޮލިސް ކޮލެޖުގެ ހުރިހާ ދަރިވަރުން ވެސް މިހާރު ދޫކޮށްލާފައި ވާކަމަށެވެ.
އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ 32 ދަރިވަރުން ކުއްލި ގޮތަކަށް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.
މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ ދަރިވަރުން ހޮސްޕިޓަލަށް ގެންދެވުނީ އެލާޖީއެއްގެ ސަބަބުން ކަމަށާއި ބޮޑަށް ބެލެވެނީ ކެވުނު އެއްޗެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.
ހޮސްޕިޓަލަށް ގެންގޮސް ދަރިވަރުންނަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އެ ހޮސްޕިިޓަލުގެ އެމެޖެންސީގައެވެ. އެއަށްފަހު ދަރިވަރުން ވަނީ ވޯޑަށް ބަދަލު ކޮށްފައެވެ.
ހޮސްޕިޓަލަށް ގެންދެވުނު ދަރިވަރުންގެ ތެރެއިން މާބޮޑަށް ހާލުދެރަވި ފަސް ދަރިވަރަކަށް ވަނީ އައިސީޔޫގައި ވެސް ފަރުވާ ދީފައެވެ. އޭގެތެރެއިން ދެ ދަރިވަރުން ފިޔަވާ ދެންތިބި ހުރިހާ ދަރިވަރުން ވަނީ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށް، ކޮލެޖަށް ގެންގޮސްފައި ކަމަށް ފުލުހުން ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.